ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން 32 ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭގަނޑު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން 32 މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއައުމަށް ޝައުގުވެރިކަން ފާޅުކުރި ގޮތުން މިހާރު ޓިކެޓް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކުދިންނަށް ރާއްޖެ އައުމުގެ މަގެއް ފަހިވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންގޮތެއް ކަމެއް ވިދާޅެއްނުވެ އެވެ. ޔޫކްރެއިނުން ރާއްޖެ އައުމަށް 32 ސީޓް ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސްމިއުވާންމުހައްމަދު ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހިން ގެނައުމަށް މަސައްކަތްކުރަނީ ރާއްޖޭގައި ތިބި ޔޫކްރެއިންގެ މީހުން ބަލާ އަންނަ ފްލައިޓަކުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޔޫކްރެއިންގައި ތިބި ދިވެހިންނާ ގުޅަމުންދާ ކަމަށް މިއުވާން ވިދާޅުވި އެވެ.
މީގެއިތުރުން ސައުދީ އަރަބިއްޔާ އިން މީހުން ގެނައުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަކި ބަޔަކަށް ޓިކެޓް ލިބިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ފޮރިން މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބެމުންދާ ވަރަކުން ސަރުކާރުން އަންނަނީ އެކަން ކުރަމުންނެވެ.