ކ. މާލެ
|
4 މެއި 2020 | ހޯމަ 22:56
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ވޮޝިންގްޓަން ޓައިމްސް
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ
"ވަކި ބަޔަކަށް ރައްކާތެރިކަން ލިބި، އަނެއްބަޔަކު ނުރައްކަލުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
 
މިއީ ދުނިޔޭގެ ޤައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދޭ ލާމަސީލު މިސާލެއްކަމަށް ވިދާޅުވި
 
40 ޤައުމެއްގެ ލީޑަރުން ބައިވެރިވެ، 7.4 ބިލިއަން ޕައުންޑް ހޯދުމަށް އެދިފައިވޭ
 
އުފައްދާ ވެކްސިން ހަމަހަމަ އުސޫލަކުން ޤައުމުތަކަށް ފޯރުކޮށްދިނުމަކީވެސް މުހިއްމުކަމެއް

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ވަކި ބަޔަކަށް ރައްކާތެރިކަން ލިބި، އަނެއްބަޔަކު ނުރައްކަލުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.

ހޯމަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ކޮވިޑް-19 އަށް އަވަހަށް ވެކްސިންއެއް އުފެއްދުމާ އެއްވަރަށް، އުފައްދާ ވެކްސިން ހަމަހަމަ އުސޫލަކުން ޤައުމުތަކަށް ފޯރުކޮށްދިނުމަކީވެސް ނުހަނު މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ވަކި ބަޔަކަށް ރައްކާތެރިކަން ލިބި، އަނެއްބަޔަކު ނުރައްކަލުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޓެޑްރޯސް ވިދާޅުވީ، ހުރިހާ ޤައުމަކަށް ރައްކާތެރިކަން ނުލިބެނިސް އެއްވެސް ޤައުމެއް މި ބަލިމަޑުކަމުން ފުރިހަމައަށް ރައްކާތެރިނުވެވޭނެ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ، ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިނެއް އީޖާދުކޮށް ޤައުމުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ފަންޑު ހޯދުމަށް ޔޫރޮޕިއަން ކޮމިޝަނުން ކުރިއަށްގެންދިޔަ "އިންޓަނޭޝަނަލް ޕްލެޖިންގ އިވެންޓް" ގައި 40 ޤައުމެއްގެ ލީޑަރުން ބައިވެރިވެ، 7.4 ބިލިއަން ޕައުންޑް ހޯދުމަށް މިހާތަނަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ ދުނިޔޭގެ ޤައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދޭ ލާމަސީލު މިސާލެއްގެ ގޮތުގައި ޓެޑްރޯސް ސިފަކުރެއްވިއެވެ.

އޭގެ އިތުރުން، މި ދަނޑިވަަޅަކީ ޤައުމުތަކުން ގުޅިގެން އެއް ދުޝްމިނަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި ޓެޑްރޯސް ވިދާޅުވީ، މިއީ ޤައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކޮށް އެއް މުސްތަޤުބަލެއް ފަހިކޮށްދިނުމަށް ވެސް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އަދި މީގެ 70 އަހަރު ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ވުޖޫދުވި ހިސާބުންވެސް ގޮވާލަމުން އައީ ހުރިހާ ޤައުމަކަށް އެއްމިންވަރެއްގައި ސިއްޙީ ނިޒާމު ފަހިވެފައި އޮތް މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތް ކުރުންކަންވެސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
22%
78%
0%
0%
0%
0%
ކޮމެންޓް