ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ 200 މީހުން ބަލާ އެ ގައުމުގެ ފެރީއެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާ ހަވަލާދީ އިންޑިއާގެޑެކަން ހެރަލްޑްނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފެރީ ދަތުރުކުރާނީ މާލެއިން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަށެވެ. ނަމަވެސް ފެރީ ދަތުރު ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ފެރީން ދަތުރުކުރާ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންޑިއާ އަށް ގެންދާ މީހުންގެ ތެރެއިން އެންމެ ބޮޑަށް އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިން ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިކަމާއި ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަންގެ ބަހެއް ހޯދާލަން ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ. އަދި އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ފެރީއެއް ހަމަޖެހިފައިވާ ކަމަކަށް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގާއިމްކޮށްފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.