ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ނޫސްވެރިންނަށް ހިތްވަރު ދެއްވައި، ވިދާޅުވީ ކޮވިޑް-19ގެ މިނުރައްކާތެރި ދަނޑިވަޅުގައި މީޑިއާއެއްގެ ދައުރު މުހިންމުވާ މިންވަރު ކަމަށް ހާމަވެގެންދާ ކަމަށެވެ.
ކޮވިޑް-19ގެ މިޙާލަތުގައި ޙަޤީޤަތާ ޚިލާފު ވާހަކަ ފަތުރައިފިނަމަ މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ މިނުރައްކާތެރި ދަނޑިވަޅުގައި މަސައްކަތްކުރާ މިނިވަން މީޑިއާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ޞާލިޙު ފޮނުއްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ޕްރެެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. 2018 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 އަނަ އަހަރު ޢާންމު ކުރި ލިސްޓުގައި ރާއްޖެއޮތީ 98 ވަނައިގައެވެ. މިއަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ.
އާރުއެސްއެފްގައިވާ ގޮތުން ރާއްޖެ ލިސްޓުގެ ފަހަތަށް މީގެކުރިން ވެއްޓުނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. 2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. 2018 އާއި ހަމަޔަށް ރާއްޖެ 17 ދަރަޖަ ދަށަށް ވެއްޓުނެވެ.
އޭރު ސަރުކާރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންގޮތަކަށް ޤާނޫނުތައްހަދައި އެކި މުއައްސަސާތަކުން ޢަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ.
މިިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" އެވެ.