ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، ކެނޯއެއްގައި ބ. ދަރަވަންދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮސް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭ 7:00 ހާއިރު ބ. މާޅޮސް ޓާސްކު ފޯހުގެ ހުއްދަ ނެތި އެ ރަށުން ކެނޯއެއްގައި ދަރަވަންދޫ އަށް ދިޔުމުން ނެވެ. 29 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައިވަނީ، ފިލައިގެން އުޅެނިކޮށް ދަރަވަންދޫއިން ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.
ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށްޓަކައި ރަށްރަށައް އަރައި ފޭބުން މަނާކޮށްފައި އޮއްވާ ބައެއް މީހުން ދަނީ ގަވައިދާ ހިލާފަށް އެކި ރަށްރަށަށް އަރަމުންނެވެ. އެގޮތުން ނ. މާފަރުގައި ރަށުން އަރައި ފޭބުން މަނާކޮށްފައި އޮއްވާ މަސްދަތުރު ދިޔަ ދެ މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ.
މިލަދޫއިން މީހުން ފުރުން މަނާ ކޮށްފައި އޮއްވާ އެ ރަށުން ފުރި ހަތަރު މީހުންވެސް ފުލުހުން ހައްޔަރުކޮށްފައިވާއިރު ށ. ބިލެއްފަހި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް ފޭދޫން ކުޑަ ޑިންގީއެއްގައި އެރަށަށް ދިޔަ ތިން މީހެއްގެ އިތުރުން ނ. މަނަދޫ އިން ލަންދޫއަށް ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައިވާއިރު، ޑަރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެއްގުންތަކާ ދެކޮޅު ހަދާނަމަ، ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެން ވެއެވެ. އެގޮތުން ކަރަންޓީނަށް ދާން ދެކޮޅު ހެދުމާއި ސާމްޕަލް ނެގުމަށް ދެކޮޅު ހަދާ ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އެކަންކަން ކުރުމުގެ ބާރުވެސް ގާނޫނުން ލިބިދެ އެވެ. މިހާރުވެސް މިފަދަ ބައެއް ފަރާތްތަކާމެދު ސިވިލް ކޯޓުން އަމުރުތައް ނެރެފައި ވެއެވެ.