ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއެކު، އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރު ދެއްވި ޚިޠާބުގައި ވިދާޅުވީ، މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި މިއަހަރު ރާއްޖެ ހޯދާފައިވާ 19 ދަރަޖައިގެ ކުރިއެރުމާއެކު، ޖުމުލަ 41 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ވަނީ ލިބިފައެވެ. އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، އިތުރަށް ޙާޞީލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަަމަށެވެ.
ނޫސްވެރިންނަކީ ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިންކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، ސަރުކާރުގެ ޢަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުން ކަމަށެވެ. ސަރުކާރުން އަޅާކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު ބައެއްކަންކަމެވެ. ސައްޙަނޫން ޚަބަރުގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހައްޓަންޖެހެއެވެ.އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު -
ކޮވިޑް-19 އިން ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރަމުންދާ ހިނދު، އެކަންކަމުގެ އެންމެ ތާޒާ މަޢުލޫމާތު، ގެތަކުގައި ބަންދުވެފައި ތިބި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ރެއާއި ދުވާލު ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ މުހިންމު އެއްބައިކަން ފާހަގަކުރައްވާ އިމްރާން ވަނީ ހުރިހާ ނޫސްވެރިންނަށް ޝުކުުރު އަދާ ކުރައްވާފައެވެ.
މިިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" އެވެ.