މޯލްޑިވިއަންގެ އިމަރޖެންސީ ކާގޯ ފްލައިޓްތައް މެދުވެރިކޮށް ވައިގެ މަގުން ކޮންމެހެން ފޮނުވަން ޖެހޭ އަސާސީ މުދަލާއި، ވަޞީލަތްތައް ކުޅުދުއްފުށިން މާލެ އަށް، މާލެއިން ކުޅުދުއްފުއްޓަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އިމަރޖެންސީ ކާގޯގެ ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް ތަކަށް ކަނޑައަޅާފައިވާ މިނިމަމް ކޯޓާ ކަމުގައިވާ 1.5 ޓަނު ހަމަވާނަމަ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. އަދި ޑިމާންޑް އޮތްނަމަ ކާގޯ ފްލައިޓްތައް ކޮންމެ ބުރާސްފަތި ދުވަހެއްގައި ފްލައިޓެއް ޝެޑިއުލްކުރާނެކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ކާގޯ ފްލައިޓް މާލެއިން ފުރުމަށް ހަަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ. އަދި ކުޅުދުއްފުށިން ފުރުމަށް ހަަމަޖެހިފައިވަނީ 10:55 ގައި ކަމަށާއި ފްލައިޓަށް މާލެ އާދެވޭނެ ކަމަށް ލަފާ ކުރެވެނީ 11:50 ގައި ކަމަށް ކައުންސިލުން ބުންޏެވެ.
ކާގޯ ފްލައިޓް މެދުވެރިކޮށް ކުޅުދުއްފުށީ ސިިޓީން މުދާ ފޮނުވޭނީ އައިލެންޑް އޭވިއޭޝަން ސަރވިސް އިން ކަނޑައޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން މޯލްޑިވިއަންގެ ކާގޯ ފްލައިޓް މެދުވެރިކޮށް މާލެ އިން ކުޅުދުއްފުއްޓަށް އަދި ކުޅުދިއްފުށިން މާލެ އަށް މުދާ ފޮނުވަން ބޭނުންވާ ފަރާތްތަކުން ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކްގެ ނަމްބަރު 6527173 އާއި ގުޅުމަށް ވަނީ އެދިފައެވެ.
ފްލައިޓްތަކުން ކާގޯއަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ "ފަސްޓް ކަމް ފަސްޓް ސަރވް" އުޞޫލުން ޚިދުމަތައް އެދޭ ތަރުތީބުންނެވެ. މީގެތެރެއިންވެސް ފުރާނަ ސަލާމާތްކުރުމަށް ބޭނުންވާ ސާމާނާއި، އަސާސި ތަކެއްޗަށް އިސްކަންދޭނެކަމަށް ކައުންސިލުން ބުންޏެވެ.ވަކިން ޚާއްޞަކޮށް ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ފޮނުވަން ހަމަޖެހޭ ތަކެއްޗަށް ޖާގަދިނުމުގައި އިސްކަން ދެވޭނެއެވެ. މުދާ ގެނައުމާއި ގެންދިއުމަށް ނަންނޯޓް ކުރިނަމަވެސް ކަނޑައަޅާފައިވާ މިނިމަމް ކޯޓާ އަދި އެހެނިހެން ކޮންޑިޝަންތައް ފުރިހަމަނުވާ މުދާ ފޮނުވުމުގެ ފުރުޞަތު ނުލިބޭނެކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.