ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެެއެވެ.
ހޯމް މިނިސްޓަރު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ ޙައްލެއް ނުލިބިފައި އޮތް ބިދޭސީންގެ މައްސަލަ ކަމަށެވެ.
އިމްރާން ވިދާޅުވީ، އެމީހުން ދިރިއުޅޭ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިޔުމަކީ ސަރުކާރަށް ބުރަބޮޑު ކަމެއް ކަމަކަށްވިޔަސް، އިސްކަމެއް ދީގެން ކުރަމުންދާ މުހިއްމު އެއް މަސައްކަތް ކަމަށެވެ.
ބިދޭސީންގެ މައްސަލަތަކަށް ޙައްލެއް ނުލިބި އޮތުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، މާލެގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެ ތަނުންތަނުން ނެރެ، އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
އެގޮތުން، ހޮނިހިރު ދުވަހުގެރޭ 113 ބިދޭސީއަކު ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތުގެ ތެރެއިން ހޯމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ދަނީ ބިދޭސިން ބައިތިއްބާނެ ތަންތަން ހުޅުމާލޭގައި ޤާއިމުކުރަމުންނެވެ.
ބިދޭސީންގެ މައްސަލަތަކުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފަށާފައިމިވަނީ މާލެގައި ތޮއްޖެހިގެން އުޅޭ ގިނަ ޢަދަދެއްގެ ބަންގްލަދޭޝް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މާލެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ކްލަސްޓަރ އަކީވެސް ބިދޭސީންގެ ކްލްސްޓަރއެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން %51 މީހުންނަކީ ބަންގްލަދޭޝް އަށް ނިޞްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންނެވެ.