ކ. މާލެ
|
3 މެއި 2020 | އާދީއްތަ 04:56
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ޓެކްސް ދެއްކުމުގެ މުއްދަތު ފަސްކުުރުން
ސުންގަޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު މީރާ އިން އިތުރުކޮށްފި
މީރާ ހުޅުވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެ އިދާރާ އިން ބުނި

ސުންގަޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިތުރުކޮށްފިއެވެ.

މީރާ އިން ބުނީ ލޮކްޑައުންގެ މުއްދަތުގައި މީރާ ބަންދުވާނެ ކަމަށާއި އެހެންކަމުން ލޮކްޑައުންގައި ސުންގަޑި ހަމަވެ ދައްކަންޖެހޭ ޓެކްސްތައް، މީރާ ހުޅުވުމަށްފަހު ދައްކާ ގޮތަށް ފަސްކޮށްދީފައިވާ ކަމަށެވެ.

މީރާ ހުޅުވެންދެން ޓެކްސްތައް ދެއްކުން ފަސްކޮށްދީފައިވާއިރު ވަރަށް އަވަހަށް އެތަން ހުޅުވާނެ ތާރީހެއް ހާމަކުރާނެ ކަމަށް މީރާއިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިސާދު ދަށަށް ގޮސްފައިވާއިރު މިކަމުގެ އަސަރު ރާއްޖޭގެ އިޤްތިސާދަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ދައުލަތަށް މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޢާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 7.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަން ރުފިޔާ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން، ޗައިނާގައި ފެތުރެންފެށި ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޢާމްދަނީ 80 ހިއްސާކުރާ ފަތުރުވެރިކަން ވެސް ވަނީ މިދިޔަ މާރޗު މަހުން ފެށިގެން ހުއްޓުމަކަށް އައިސްފައެވެ. އެެހެންކަމުން ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް ލިބޭ ޢާމްދަނީ ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

- ކޮމެންޓް