ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ރޭގަނޑު 8 ޖެހުމާ ހަމައަށް ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ މ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފަ އެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭގަނޑު 330 ން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 930 އާ ހަަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މިދުވަސް އާންމުކޮށްވެސް ވިއްސާރަ ކުރަމުންދާތީ އަދި ވަކިން ޚާއްސަކޮށް ކޮވިޑް-19 މިހާރު ރާއްޖޭގައި ފެތުރެމުންދާތީ ގެންޑީ އަދި އިންފްލެޔަންޒާ ރޯގާ އަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.