ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 14:48
ފުވައްމުލަކު ސިޓީގައި ކޮވިޑް-19ން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ފުވައްމުލަކު ސިޓީގައި ކޮވިޑް-19ން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
އެމްޓީސީސީ
ކޮވިޑް-19: ފުވައްމުލައް ސިޓީން އަޅަމުންދާ ފިޔަވަޅު
ފުވައްމުލައް ސިޓީގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފި
ބައެއް މަގުތައް ބައެއް ވަގުތު ތަކުގައި ބަންދުކުރާނެ
އެންގުމާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނެ
ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައިވޭ

ފުވައްމުލައް ސިޓީގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާތީ، އެސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 02 މެއި 2020ވާ ހޮނިހިރު ދުވަހުން ފެށިގެން ކައުންސިލުން ވަކިގޮތެއް އަންގަންދެން ކޮންމެ ދުވަހަކު ހަވީރު 4:00ން ރޭގަނޑު 12:00ށް އާ ހަމަޔަށް ނައިބު ތުއްތު މަގު ބަންދުކުރަން ނިންމާފައިވާކަަމަށެވެ. އަދި މިގަޑިތަކުގައި އެމަގު ބޭނުންކުރެވޭނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހުއްދަދޭ ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާއިރު، ކައުންސިލުން ބުނީ މިގޮތަށް ނިކުމެ އުޅޭއިރު 3 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމާއި، އިޖުތިމާޢީ ގައިދުރުކަން ޔަޤިންކުރަން ޖެހޭކަމަށެވެ. މިއެންގުމާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި އުދަނގޫތައް އިންތިހާއަށް ކުރިމަތިވާނެކަން ފާހަގަކޮށް ކައުންސިލުން ވަނީ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިޙާލަތުގައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

- ކޮމެންޓް