ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކުރާ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދިނުމަށް ނިންމައިިފިއެވެ.
ޔޫއެސް ޑިޕަރޓްމެންޓް އޮފް ސްޓޭޓްގެ ރަސްމީ ޕޭޖުގައި ވާގޮތުން އެމެރިކާއިން ވަނީ އެކި ގައުމުތަކަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ފަންޑިންގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.
އެގޮތުން ރާއްޖެއަށް މިދެވޭ ދެ މިލިއަން ޑޮލަރުން އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ހިދުމަތްތައް ދިނުމުގައި ހަރަކާތެރިވާ ޖަމިއްޔާތަކަށްދެވޭއިރު ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިތުރުން މާލީ އިދާރާތަކަށް ޓެކްނިކަލް ގޮތުން އެހީވުމަށް މި ފައިސާ ބޭނުން ކުރެވޭނެއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ގެއްލުންވަމުންދާ ވިޔަފާރިތަކަށް ވެސް މި އެހީ ބޭނުން ކުރާނެއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމެރިކާއިން ފޯރުކޮށްދިނުމަށް ނިންމި އެހީއަށްޓަކައި ޔޫއެސްގެ ސެކެޓްރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަށާއި ޔޫއެސް އެމްބަސީއަށް ޝުކުރުއަދާ ކުރައްވާފައެވެ.
2004 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ 30 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ރާއްޖެއަށް ދީފައެވެ.