ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ރިސޯޓް ވެލާ ޕްރައިވެޓް އައިލެންޑްގެ ރިސޯޓުގެ ދެ އޯނަރުންގެ ފަރާތުން ރާއްޖެއަށް ސިއްހީ ގިނަ އާލާތްތަކެއް ހަދިޔާކުރަން ނިންމައިފި އެވެ.
ވެލާގެ ދެ އޯނަރުން ރާއްޖެއަށް ހަދިޔާކުރަން ހަމަޖެހިފައިވަނީ ކޮވިޑް-19 އަށް ޓެސްޓްކުރާ 10،00 ޓެސްޓް ކިޓް، ފަސް ވެންޓިލޭޓަރު، 10،000 ފޭސް މާސްކު، 200 ރެސްޕިރޭޓަސްގެ އިތުރުން ޕަރސަނަލް ޕްރޮޓެކްޝަން ކިޓެވެ. މީގެ ތެރެއިން ބައެއް ތަކެތި ހޮނިހިރު ދުވަހު ގެންނަން ވަނީ ހަމަޖެހިފަ އެވެ.
ވިލާގެ ދެ އޯނަރުން ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީ ދެ ޖެޓްގައި ހޮނިހިރު ދުވަހު ރާއްޖެ އަންނަން ވަނީ ހަމަޖެހިފަ އެވެ. އެ މީހުން ޗާޓަރ ކޮށްގެން އަންނަަ ޖެޓް ޖެއްސުމަށް ހަމަޖެހިފައިވަނީ މާފަރު އެއާޕޯޓުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ 2014 ވަނަ އަހަރު ޗެކްރިޕަބްލިކްގެ ވިޔަފާރިވެރިޔާ ޖިރީ ސްމެކް ހުޅުވި ރިސޯޓެކެވެ. 2017 ވަނަ އަހަރު ޖިރީ ވަނީ އެ ރިސޯޓުގެ ބައެއް ޝެއަރ، އޭނާގެ ގާތް އެކުވެރިޔާ އަދި ޗެކް ރިޕަބްލިކްގެ ބިލިއަނަރު ޑެނިއެލް ކްރެޓިންސްކީ އަށް ވިއްކާލާފަ އެވެ. ހިއްސާ ވިއްކާލާފައިވަނީ 49.5 މިލިއަން ޔޫއެސް ޑޮލަރަށެވެ.
މިލްކިއްޔާތުގައި 3.4 ބިލިއަން ޑޮލަރު ހުންނަ ކްރެޓެންސްކީ އަކީ މެދުތެރޭ ޔޫރަޕްގައި އެެންމެ ބޮޑު ހަކަތަ ކުންފުނި، އެނެޖެޓިކީ ޕްރޫމިސްލޯވީ ހޯލްޑިން (އީޕީއެޗް) ގެ އޯނަރުގެ އިތުރުން ޗެކް ރިޕަބްލިކްގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބް އޭސީ ސްޕާޓާ ޕްރާގުއޭގެ 40 އިންސައްތް ހިއްސާދާރެވެ. ފޯބްސް މަޖައްލާގައި ކްރެޓިންސްކީ ލިސްޓު ކޮށްފައިވަނީ ދުނިޔޭގެ 565 ވަނަ އަށް އެންމެ މުއްސަނދި މީހާގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ''ލިމޯންޑް'' ގެ 49 އިންސައްތަ ހިއްސާދާރެވެ.
މާޗް މަހުގެ 30 ވަނަ ދުވަހު ކްރެޓިންސްކީ ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އޭނަ މި ބަލިން ފަސޭހަވީ ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.