ނޯތް ހާބަރަށް ރަށްރަށުން ފޮނުވާ މުދާ ބަލާ ދިއުމަށް ވަކި އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ނޯތް ހާބަރަށް ބޯޓުފަހަރުން މުދާ ނެގުމަށް ޚާއްސަ އުސޫލެއް ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ޚާއްސަ އުސޫލެއް އެކުލަވާލައި އާންމު ކުރާނެ ކަަމަށް ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ މިއުސޫލުގެ ތެރެއިން މުދާތައް އެހެން ފަރާތްތަކަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
މިދިޔަ ދެދުވަހުގެ ތެރޭގައި ވެސް އަޅުގަނޑުމެން މިއައީ މަސައްކަތް ކުރަމުން ނޯތް ހާބަރަށް މިކައިރި ކުރާ ބޯޓު ފަހަރު މުދާ ބަލާދާ ފަރާތްތަކަށް ކޮންވެސް ވަރެއްގެ އިންތިޒާމެއްގެ ތެރެއިން އެފަރާތްތަކަށް މުދާ ފޯރުކޮށްދޭ ގޮތެއް ހަމަޖައްސަން. އަދި އަޅުގަނޑުމެންނަށް ވަކި ގޮތެއް ނުނިންމޭ. ނަމަވެސް އިރަދަކުރެއްވިއްޔާ މާދަމާ ނޫނީ ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ތިބޭފުޅުންނާ ހިއްސާކޮށްލާނަން ކޮންގޮތަކަށްކަން އަމަލުކުރައްވަންވީ.ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ވިސާމް ވިދާޅުވީ ނޯތް ހާބަރު ސަރަހައްދުގައި އުޅޭ މީހުން މަސައްކަތުގައި އުޅޭއިރު، ރައްކާތެރިކަމަށް ބަލަންޖެހޭ މިންވަރަށް ނުބަލާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުދާ ބަލާ ދާ މީހުން ވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭ ވަރަށް އެކަން ނުކުރާ ކަމަށެވެ.
ނޯތް ހާބަރުގައި މީހުން ގިނަކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް މާލޭގެ މިސަރަހައްދަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއްސަރަހައްދު ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.