ދައުލަތަށް މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޢާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 7.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މިއީ މިދިއަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަން ރުފިޔާ ދަށްވުމެކެވެ.
މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން، ޗައިނާގައި ފެތުރެންފެށި ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދަށް މިވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޢާމްދަނީ 80 ހިއްސާކުރާ ފަތުރުވެރިކަން ވެސް މިވަނީ މިދިއަ މަރޗު މަހުން ފެށިގެން ހުއްޓުމަކަށް އައިސްފައެވެ. އެެހެކަމުން ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް ލިބޭ ޢާމްދަނީ ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިލަށް މިހާތަނަށް ޚަރަދުގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިއިރު ޓެކްސްގެ ގޮތުގައި 5.4 ބިލިއަން ވަނީ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ މިހާތަނަށް ބީޕީޓީގެ ގޮތުގައި 922.5 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު މިދިޔަ އަހަރު ބީޕީޓިގެ ގޮތުގައި ދައުލަތަށް 893.8 މިލިއަން ލިބިފައިވެއެވެ.
ދައުލަތުގެ ކޭޝްފްލޯ އިތުރުކުރުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުން ނެވެ. އެކަމަށް ދޭންޖެހޭ ހުއްދަ ރައްޔިތުންގެ މަޖިލީހުން ވަނީ ދީފައެވެ.