ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ހާލަތު އިއުލާން ކުރި ފަހުން ކުށް ކުރާ މިންވަރު މާލެ ތެރޭގައި މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިވަގުތު ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އާދައިގެ ވައްކަން ގޮތުގައި ހުށަހެޅެނީ ފިހާރަތަކުގައި ބޭރުގައި ބަހައްޓާފައި ހުންނަ ބައެއް ކަހަލަ އެއްޗެހި ވަގަށް ނެގުމާއި ފަސޭހައިން ވަގަށް ނެގޭ ގޮތަށް ހުންނަ އެއްޗެހި ނަގާ މައްސަލަތައް ކަމަށެވެ.
މައްސަލަތައް މަދުވާ ސަބަބު އިތުރަށް ތަފްސީލް ކޮށްދެއްވާ ރިޔާޒު ވިދާޅުވީ ކުށްކުރުން މަދުވި މައިގަނޑު ސަބަބަކީ މިގޮތަށް ކުށްކުރާ މީހުން އެކިއެކި ގޮތްގޮތުން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައާ ފުލުހުންގެ ހައްޔަރުގައި ތިބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޖުމްލަ ގޮތެއްގައި މާލެއާ ރާއްޖޭގެ އަންމު ސަލާމާތާ ރައްކާތެރިކަމަށްޓަކައި ހާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ބޮޑެތި މައްސަލައް އައިސްފައިވާއިރު، ޖުމްލަ ކޮށް ސަލާމަތީ ގޮތުން ރާއްޖޭގައި ކަންކަން ހުރީ ރަނގަޅަށްކަން ފާހަގަކޮށްލަން ބޭނުން.އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
ލޮކްޑައުން މިހާލަތުގައި ފުލުހުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންއާ ބެހޭ ގޮތުން ރިޔާޒު ވިދާޅުވީ ބުދަ ދުވަހުގެ ނިޔަލަށް ލޮކްޑައުންގެ މިއަމުރާ ހިލާފު ވުމުގެ ސަބަބުން 95 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 72 މީހަކު މިވަގުތު ބަންދުގައި ތިބިކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
ވޭތުވެ ދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރޯދަ މަހު ކުށްކުރާ މިންވަރު އިތުރުވެ އެވެ. ހާއްސަކޮށް ވައްކަމާއި، ފޭރުން އަދި މާރާމާރީ ފަދަ ބައެއް ކުށްތައް މި ދުވަސްވަރުގައި އިތުރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.