ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ ދެމުންދާކަމަށާއި 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރިކަމަށް ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 ޕޭޝަންޓުންނަށް ފަރުވާ ދެމުންގެންދާ ޑރ. މޫސާ ހުސައިން ވިދާޅުވީ، މިވަގުތު އައިސީޔޫގައި ކޮވިޑް ޖެހިފައިވާ ފަސް މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން 3 މީހުންނަނީ ކޮމްޕްލިކޭޝަންސް ހުރި މީހުންކަމަށެވެ. އެއީ އެހެން ބަލިތަކުގައި ތަހައްމަލު ކުރަމުންދާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެތެރިން 80 އަހަރުގެ މީހާއަށް އޮކްސިޖަން މަދުވެގެން އޮކްސިޖަން ސަޕޯޓް މިއަދު ދީފައިވާކަމަށް ޑރ މޫސާ ވިދާޅުވި އެވެ. އަދި ޑރ ވިދާޅުވީ 70 އަހަރުގެ މީހެއްވެސް ކޮމްޕްލިކޭޝަންސް ހުރުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާކަމަށެވެ.
އޭގެއިތުރުން 40 އަހަރުގެ ދެ މީހަކާއި، 68 އަހަރުގެ މީހަކަށް ފަރުވާ ދެމުންއަންނަކަމަށާއި މިހާތަނަށް އެއްވެސް މީހަކު ވެންޓިލޭޓަރަށް ނުލާކަމަށް ޑރ، ވިދާޅުވި އެވެ. ނަމަވެސް، 5 މީހުންގެ ތެރެއިން 3 މީހުންނަށް އޮކްސިޖަން ސަޕޯޓްދެމުން އަންނަކަން ޑރ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހުގެ ދަންވަރު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ، އެހެން ގައުމުތަކުގެ ތަފާސް ހިސާބްތަކަށް ބަލާއިރު ގާތްގަނޑަކަށް 2 އިންސައްތަ ނިޔާވާކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި އަދަދަށް ރިއާޔަތްކޮށް ހަދާފައިވާ އަންދާޒާ ހިސާބުތަކަށް ބަލާނަމަ ގާތްގަނޑަކަށް 15 އިންސައްތަ މީހުން ކޮމްޕްލިކޭޝަންސް އަލާމާތްތަކެއް ނުވަތަ ބަލި އިތުރަށް ބޮޑުވެއްޖެނަމަ 40 ޕޭޝަންޓުން އެޑްމިޓް ކުރަންޖެހޭނެކަމަށެވެ.
ޑރ. ވިދާޅުވީ އޭގެތެރިން 14 ޕޭޝަންޓުން އައިސީޔޫގައި ފަރުވާ ދޭންޖެހޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ޑރ އަލީ ލަތީފް ވިދާޅުވީ އަދި ކޮމްޕްލިކޭޝަން ރޭޓް އެހާ މައްޗަށް ނުދާކަމަށާއި މިހާތަނަށް އައިސީޔޫގައި އެޑްމިޓްކޮށްފައިވަނީ، 5 މީހުންކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ކޮވިޑް-19 ޖެހިގެން ކޮމްޕްލިކޭޝަންސް އަންނަ މީހުންގެ އިތުރު ބަލިތައް ހުންނަ ކަމަށާއި އޭގެ ތެރޭގައި ހަކުރުބަލި އަދި އެހެނިހެން ދިގުމުއްދަތައް ބޭސްކުރާ ބަލި ހުންނަކަމުގައިވާނަމަ އިތުރަށް ބަލި ބޮޑުވެ ފުރާނެ ގެއްލިގެންދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށެވެ.