ކޮވިޑް-19އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާއަށް އަންދާޒާ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހާމަކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގެއްލުންތަކާ ބެހޭ ގޮތުން މަސީ އިން ތައްޔާރު ރިޕޯޓު އާންމުކުރުމަށް އޮންލައިންކޮށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ 50 އިންސައްތަ ހީނަރުވެފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޖަނާހު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާއަށް 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއްވާނެ ކަމަށެވެ. މީގެ އިތުރުން ޖަނާހު ވިދާޅުވީ މިދާއިރާގެ ކުންފުނިތައް ހިންގަން މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
އެގޮތުން މިހާރު ނިމިފައި ހުރި މަޝްރޫއުތަކަށް ނުލިބި ހުރި ފައިސާ އަވަހަށް ހޯދައި ދިނުމަށް ވަނީ އެދިފައިވާއިރު، ކުންފުނިތަކަށް ދިމާވާނެ މާލީ ގޮންޖެހުން ތަކަށް އެހީތެރި ވުމަށް ސަރުކާރުން ލޯނު ދޫކޮށް ދިނުމަށް ޖަނާހު އެދިފައިވެއެވެ. އަދި ޖަނާހު ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖުތައް އަވަހަށް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.
މިދަނޑިވަޅުގައި ކުންފުނިތަކުން ދަނީ މުއައްޒަވުން ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކުރަމުންނެވެ. އަދި ބައެއް މުއައްޒަފުން ނޯޕޭއަށް ވެސް ފޮނުވާލާފައި ވެއެވެ. މިމައްސަލަތަކަށް އަލިއަޅުއްވާލައްވާ ޖަނާހު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ވަޒީފާއިން ވަކިކުރާކަމުގެ އެއްވެސް ޝަކުވާއެއް އަދި ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި 5،000 އާއި 7،000 ދިވެހިން މަސައްކަތް ކުރެއެވެ. އަދި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބޭރު ގައުމުތަކަށް ނިސްބަތްވާ މަސައްކަތްތެރިން ދާއިރާގައި މަސައްކަތް ކުރެއެވެ.