ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އާއި ފޮރިން ސެކްޓްރީ މަޝްވަރާކުރެއްވީ ކޮވިޑް-19 އާއި ގުޅިގެން ދެ ގައުމަށް ކުރަމުންދާ އަސަރުތަކާއި، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދެ ގައުމުގެ ސަރުކާރުތައް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށެވެ.
ރައީސް އޮފީހުން ބުނީ މާޗް މަހުގެ 7 ވަނަ ދުވަހު ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމަށްފަހު މުޖުތަމައު ތެރޭގައި މި ބަލި ފެތުރުން ލަސްކުރެވުނު ކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. ފާއިތުވި 10 ދުވަހު ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އައި އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މާލެ ލޮކްޑައުން ކުރެވުނުކަން ވެސް ރައީސް ވަނީ ފާހަގަކުރެއްވާފަ އެވެ.
ރާއްޖެއިން ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާފައިވާއިރު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ބަލި ކޮންޓްރޯލް ކުރެވުމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން، ދާދި ފަހުން ކޮވިޑް-19 ބަލިން ފަސޭހަވެވަޑައިގެންނެވި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންއަށް ރައީސް ސާލިހު ވަނީ ހެޔޮ އެދުންތައް އަރިސްކުރައްވާފަ އެވެ.
އަދި ދެގައުމުގެ އިނގިރޭސިވިލާތާއި ރާއްޖެއާއި އޮތް ގުޅުމުގެ ވަރުގަދަކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.