ކޮވިޑް-19އާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް 266 މީހުން ސައިކޯ ސޯޝަލް ސަޕޯޓުގެ ދާއިރާއިން ތަމްރީނު ކުރެވިފައިވާ ކަަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސަރވިސަސް މެނޭޖަރު މައީދު ޒާހިރު ވިދާޅުވީ މަސައްކަތް ފެށީ ތަމްރީނު ވެފައިވާ 44 ވޮލެންޓިއަރުންނާއެކު ކަމަށާއި، ސައިކޯ ސޯޝަލް ސަޕޯޓުގެ ދާއިރާއިން 266 މީހުން ތަމްރީނު ކުރެވިފައިވާކަމަށެވެ.
މައީދު ވިދާޅުވީ ވޮލެންޓިއަރުން ތަމްރީނުކުރުމުގެ އެންމެ މުހިންމު މަޤުޞަދަކީ އުދަނގޫ ޙާލަތުގައި ތިބޭ މީހުންނާ ވާހަކަ ދައްކާއިރު އެމީހުންގެ ޙާލަތާ އެންމެ ރަނގަޅަށް، އެކަށޭނެ ގޮތަކަށް ވާހަކަތައް ދެކެވުން ކަމަށެވެ. އަދި މުޢާމަލާތު ކުރާއިރު، ނަފުސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވިސްނަންވީ ކަންކަން ތައްޔާރުވެ އަހުލުވެރި ކުރުވުމަކީ ވެސް ތަމްރީނުގެ މައިގަނޑު މަޤުޞަދުކަމަށް މައީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިދޭ ތަމްރީނަކީ ސައިކޮލެޖީ ފަސްޓް އެއިޑްއާ ސަޕޯޓިވް ކޮމިއުނިކޭޝަން ތަމްރީން. މިތަންރީން މިހާރު އަޅުގަނޑުމެންނަށް ދެވިފައި މިވަނީ ހަމައެކަނި ދިވެހި ރެޑް ކްރެސެންޓްގެ ވޮލެންޓިއަރުންނަކަށް ނޫން. މީގެ އިތުރުން އެކި މުއައްސަސާތަކާ ފްރަންޓްލައިންގައި މަސައްކަތް ކުރާ ބޭފުޅުންނާ އާރްއާރްޓީއާ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަޅުގަނޑުމެން މިތަމްރީންތައް އެބަ ދެން.ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސަރވިސަސް މެނޭޖަރު މައީދު ޒާހިރު
ކޮވިޑް-19 ގުޅިގެން ކަރަންޓީނު ކޮށްފައިވާ އަދި އައިސޮލޭޓުކޮށްފައިވާ މީހުންނަށް ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ނަފުސާނީ ގޮތުން އުނދަގޫވާނަމަ 1425 އަށް ގުޅުމަށް އެދިފައިވެއެވެ.