މިހާތަނަށް 1468 މީހުންނަށް ނަފުސާނީ، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފި އެވެ.
އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސަރވިސަސް މެނޭޖަރ މައީދު ޒާހިރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ރަސްމީކޮށް ކޯލްސެންޓަރެއް ދަރުބާރުގޭގައި ޤާއިމުކުރެވިގެންދިޔައީ މަރޗު މަހުގެ 7 ވަނަ ދުވަހު އެވެ. އޭރު ފޯނު ކޯލުތައް ނަގަމުންދިޔައީ 15 ވަރަކަށް ފޯނުން ކަމަށާއި، ޚާއްޞަކޮށް އެހީތެރިކަން ފޯރުކޮށްދެވުނީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
މައީދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފާހަގަކުރެވުނު ހިސާބުން ދަރުބާރުގޭގައި ހުރި ކޯލްސެންޓަރ ސެޓްއަޕްގައި ޚިދުމަތްދެމުން އައީ ސައިކޮލޮޖިކަލް ފަރސްޓް އެއިޑް (ޕީއެފްއޭ) ދޭ މިނިމަމް ވޮލެންޓިއަރުންނާއެކު ކަމަށެވެ.
26 އޭޕްރިލްގައި ސައިކޯ-ސޯޝަލް ސަޕޯޓަށް ޚާއްޞަ ހޮޓްލައިނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވިގެންދިޔަކަން ފާހަގަކުރައްވާ، މައީދު ވިދާޅުވީ މިހާތަނަށް ރިމޯޓް އޮޕަރޭޝަނަށް ހުޅުވާލި ފަހުން 95 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ރިމޯޓު އޮޕަރޭޝަނަށް ހުޅުވާލުމުގެ ކުރިން 1373 ފަރާތަކަށް ސައިކޯ-ސޯޝަލް ސަޕޯޓު ފޯރުކޮށްދީފައިވާކަމަށް ވެސް މައީދު ވިދާޅުވިއެވެ. އަދި ގިނައިން ޚިދުމަތް ދީފައިވަނީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
ސައިކޯ-ސޯޝަލް އޮޕަރޭޝަނުގައި 46 ވޮލެންޓިއަރުން ޙަރަކާތްތެރިވެ އެވެ. އިތުރު 266 މީހުން މި ދާއިރާއިން މީހުން ވަނީ ތަމްރީނުކޮށްފަ އެވެ. ހޮޓްލައިން ނަންބަރު 1425 އެކްޓިވޭޓްވާނީ މެންދުރު 12:00ން ހަވީރު 17:00ށް އަދި ރޭގަނޑު 20:00ން 00:00 އާއި ދެމެދު އެވެ.