އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށް އަރައިފިއެވެ.
މިއީ މިހާތަނަށް މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ގައުމެވެ. ދުނިޔޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށް އަރާފައިވާ އިރު އެމެރިކާއިން މި އަދަދު ތިންބައިކުޅަ އެއްބައި ހިއްސާ ކުރެއެވެ.
އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެގައުމުން ޕޮޒިޓިވްވެފައިވަނީ ނިއުޔޯކުންނެވެ. ނިއުޔޯކުން އެކަނި 297،000 ށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެއްތަނެ އެވެ. ނިއުޔޯކް ސިޓީގައި މިހާތަނަށް 22،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އެމެރިކާގައި މިހާތަނަށް 56،000 ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ ގައުމެވެ. އެމެރިކާގައި އިއްޔެ އެކަނިވެސް 26،509 މީހުން އަލަށް ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 1157 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުން ބަލި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 118،000 ށް ވުރެ މަތީގައެވެ. އަދި ފަރުވާ ދޭ މީހުންގެ އަދަދު އުޅެނީ 812،000 ށް ވުރެ މަތީގައެވެ. ސީރިއަސް ހާލަތުގައި 15،000 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
އެމެރިކާގައި މިހާތަނަށް 5.4 މިލިއަން ޓެސްޓް ހަދާފައިވެއެވެ. މިއީ އާބާދީގެ ނިސްބަތުން ކޮންމެ މިލިއަން މީހެއްގެ ތެރެއިން 16،527 މީހުންނެވެ. އަދި ކޮންމެ މިލިއަން މީހެއްގެ ތެރެއިން 2982 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.