ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 00:58
މަޖީދު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔަ މަންޒަރު
މަޖީދު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔަ މަންޒަރު
ބީޑީނިއުސް24
ބަންގްލަދޭޝް
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޙް މުޖީބު އަވަހާރަކޮށްލި މީހާ ދަންޖައްސާ މަރާލައިފި
 
މަޖީދުގެ އިތުރުން އިތުރު 12 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވޭ
 
އޭނާ އަތުލައިގަނެވިފައިވަނީ އޭގެ 45 އަހަރު ފަހުން
 
މުޖީބު އަވަހާރަ ކޮށްލާފައިވަނީ 1975 ވަނަ އަހަރު

ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ގޮތުގައި ސިފަކުރާ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޙް މުޖީބުއް ރަޙްމާން އަވަހާރަކޮށްލުމުގައި އިސްކޮށް އުޅުނުކަމަށް އިއުތިރާފުވެފައިވާ މީހާ ދަންޖައްސާ މަރާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގެ ވަގުތެއްގައި ޑާކާގެ ސެންޓްރަލް ޖެއިލްގައި ދަން ޖައްސާ މަރާލާފައިވަނީ ޝެއިޙް މުޖީބުއް ރަޙްމާން އަވަހާރަކޮށްލުމުގައި ބައިވެރިވި އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ކެޕްޓަން އަބްދުލް މަޖީދެވެ.

1975 ވަނަ އަހަރު މުޖީބުއް ރަޙްމާން އަވަހާރަކޮށްލާފައިވާއިރު، އޭގެ 45 އަހަރު ފަހުން ޤާތިލު އަތުލައިގަނެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ޑާކާގެ ފުލުހުންގެ ކައުންޓަރ ޓެރަރިޒަމް އެންޑް ޓްރާންސްނޭޝަނަލް ކްރައިމް (ސީޓީސީސީ) ޔުނިޓުންނެވެ.

ޕާކިސްތާނުގައި އުޅުމަށް ފަހު ދާދި ފަހަކާ ޖެހެންދެން އޭނާ އުޅެމުން އައީ އިންޑިއާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކައުންޓަރ ޓެރަރިޒަމްގެ އޮފިޝަލަކު ވިދާޅުވީ، މަޖީދު ބަންގްލަދޭޝް އަށް އެތެރެވެފައިވަނީ މާރޗް މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މަޖީދު ދަންޖައްސާ މަރާލާފައިވާއިރު، އޭނާގެ ފަރާތުން ވަނީ ރިޔާސީ މާފަށް އެދި އެ ޤައުމުގެ ރައީސްއަށް ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ. ނަމަވެސް އެ ޤައުމުގެ ރައީސް އަބްދުލް ހާމިދު ވަނީ ބުރާސްފަތި ދުވަހު އެ ޕެޓިޝަން ބަލައިނުގަތުމަށް ނިންމަވާފައެވެ.

މުޖީބުއް ރަޙްމާން އަވަހާރަކޮށްލުމުގައި ބައިވެރިވުމުގެ ކުށް އަބްދުލް މަޖީދުގެ އިތުރުން އިތުރު 12 މީހެއްގެ މައްޗަށް ސާބިތުވެފައިވާއިރު، 2009 ވަނަ އަހަރު އެ ޤައުމުގެ ސުޕްރީމް ކޯޓުންވެސް ވަނީ އެމީހުންގެ މައްޗަށް ކުރި މަރުގެ ޙުކުމް ދަމަހައްޓާފައެވެ. އަދި އޭގެ ތެރެއިން 5 މީހަކު 2010 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ދަންޖައްސާ މަރާލާފައިވެއެވެ.

އަދި އެ 12 މީހުންގެ ތެރެއިން އިތުރު 5 މީހުން ފިލައިގެން އުޅެމުންދާއިރު އެކަކު ވަނީ މަރުވެފައެވެ.

ކެޕްޓަން މަޖީދު ދަންޖައްސާ މަރާލާފައިވާއިރު، އޭނާގެ މައްޗަށް އެފަދަ އިތުރު ކުށްތަކެއްވެސް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ތާޖުއްދީން އަހުމަދާއި، އިތުރު 3 ޤައިދީއެއްގެ މަރުގެ މައްސަލަ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
25%
0%
25%
0%
ކޮމެންޓް