ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތްތަކުގައި އެކި ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެބަތިއްބެވެ. އެކަންކަމުގެ ސިޔާސަތުތައް ބައްޓަން ކުރުމުން ފެށިގެންގޮސް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އަމަލީ މަސައްކަތްތަކުގައިވެސް ސަރުކާރުގެ ހުރިހާ އިދާރާތަކާއި ދައުލަތުގެ ބާރުތަކުގެ ބައިވެރިވުން ބޮޑެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންއިންވެސް މިދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
ފެނަކައިގެ ބައިވެރިވުން ހިމެނޭ އެއް މަސައްކަތަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުން ފަރުކޮޅުފުށީގައި ޤާއިމުކުރި ކަރަންޓީން ފެސިލިޓީގެ މަސައްކަތެވެ. އެގޮތުން އެތަން ފެންވަރު ރަނގަޅު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމަށް ރެއާ ދުވާލު ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން 4 ދުވަސް ތެރޭގައި ފެސިލިޓީގެ މަސައްކަތްތައް ނިންމާފައިވާއިރު، އެކަމުގައިވެސް ފެނަކައިގެ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.
އޭގެ އިތުރުން، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ސަރުކާރުން ޤާއިމުކުރާ 200 އަށްވުރެ ގިނަ އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ނިންމުމުގައިވެސް އަމަލީ ގޮތުން ބައިވެރިވުމަށް އެންމެ ފުރަތަމަ ނުކުމެފައިވަނީ ފެނަކައިގެ މުވައްޒަފުންނެވެ. އެގޮތުން މި މަސައްކަތުގައި މިހާރުވެސް ފެނަކައިގެ 100 އަށްވުރެ ގިނަ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވަމުންދާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ފެނަކައިގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ދެމުންދާއިރު، ޓްރީޓޮޕް ހޮސްޕިޓަލު ސަރަޙައްދުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިމާރަތް ކުރެވޭ 10 ފާޚާނާގެ މަސައްކަތްތައްވެސް ކުރަމުންދަނީ ފެނަކައިގެ މުވައްޒަފުންނެވެ. އެ މަސައްކަތުގައިވެސް އިސްނަގައިގެން ފެނަކައިގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ފެނަކައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެ މަސައްކަތްތަކުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ގެންދަވަނީ މުވައްޒަފުންނަށް މަގު ދައްކުވައިދީ ހިތްވަރު ލައިދެއްވަމުންނެވެ. އެގޮތުން ފެނާއި ކަރަންޓާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ އިތުރުންވެސް ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ފެނަކައިން ރައްޔިތުންނާ ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަން ދަނީ ދައްކުވައިދެމުންނެވެ.
ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޤާއިމު ކުރަމުންދާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމު ކުރުމުގައި ފެނަކައިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު، ކ. ވިލިވަރާއި އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ އަސާސީ ޚިދުމަތްތައްވެސް ފެނަކައިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ މަސައްކަތްތައް އިންތިޒާމް ކުރުމުގައިވެސް ފެނަކައިގެ މުވައްޒަފުން އެ ދެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެކި އިދާރާތަކާއި ކުންފުނިތަކުން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މި ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ރައްޔިތުންގެ ޝުކުރާއި ތައުރީފު ޙައްޤެވެ.