މުޅި ދުނިޔެއަށްވެސް އައު ވައިރަސްއެއް ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިޓަލީއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ މީހާގެ ޙާލު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، އެތައް ބަޔަކު ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ތައުރީފުކޮށްފައެވެ. އެގޮތުން އޭނާއަށް ދިން ފަރުވާއާއި، އޭނާގެ ބަލި ޙާލަތާއި ގުޅޭގޮތުން ލިބެމުންދިޔަ މައުލޫމާތުތަކުގެ އަލީގައި އެނގިގެން ދިޔަ އެއް ކަމަކީ އެމީހާއަށް ފަރުވާދިން ޑޮކްޓަރުން އަދާ ކުރައްވާފައިވަނީ ބޮޑު އަދި "ރިސްކީ" މަސްއޫލިއްޔަތެއް ކަމަށެވެ.
އޭނާގެ ބަލި ޙާލަތު މިހާރު ރަނގަޅުވެފައިވާއިރު، އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން ފަރުވާގައި އިސްކޮށް އުޅުއްވި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ހެޑް އަދި ރާއްޖޭގެ ފުރަތަމަ ރެސްޕިރޭޓަރީ ސްޕެޝަލިސްޓް މޫސާ ހުސައިން ވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ޚާއްސަ އިންޓަރވިއުއެއް ދެއްވާފައެވެ.
ޑޮކްޓަރ ވިދާޅުވީ، 80 އިންސައްތަ މީހުން އާދައިގެ ރޯގާއެއްގެ ގޮތުގައި މާބޮޑު ފަރުވާއެއް ދިނުމަކާއި ނުލައި ގޭގައި މަޑުކޮށްގެންވެސް ރަނގަޅުވާ ކަމަށާއި، ބާކީ އިންސައްތައަކީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ނުވަތަ ހާލު ދެރަވެގެން ފަރުވާދޭންޖެހޭ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ބަލި ހާލު ބޮޑުވެގެން ވެންޓިލޭޓަރަށް ލާން ޖެހެނީ 5 އިންސައްތަ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގައި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ދެމަފިރިއެއްގެ ތެރެއިން ބަލި ހާލު ގޯސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ (ޑީއެޗް11) އަށް ބަދަލުކުރެވުނު 70 އަހަރުގެ މީހާ ގެންދެވުނުއިރުވެސް އޭނާގެ އޮކްސިޖަން ދަށްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އާންމު ހާލަތުގައި ހަށިގަނޑުގެ އޮކްސިޖަން ލެވެލް ހުންނަންޖެހޭނީ 98 ގައިކަން ފާހަގަކުރައްވައި ޑރ ވިދާޅުވީ، އޭނާ ގެންދެވުނުއިރު އޮކްސިޖަން ލެވެލް ހުރީ 93 އިންސައްތައިގަ ކަމަށެވެ.
އޭގެ އިތުރުން، ހޮސްޕިޓަލަށް ބަދަލުކުރި އިރުވެސް އޭނާގެ ހުން ވަރަށް ގަދަ ކަމަށާއި، ނޭވާލާން އުނދަގޫތަކެއް ހުރުމުން އެހިސާބުން އޮކްސިޖަން ސަޕޯޓް ދިންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އޭނާ ހޮސްޕިޓަލަށް ބަދަލުކުރީ އޭނާގެ އަނބިމީހާއާ ވެސް އެކުގައެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، ޖެހިގެން އައި ދުވަހު އޮކްސިޖަން އިތުރަށް ދަށްވެގެން ދިޔަ ކަމަށާއި، 85 އިންސައްތައަށް އޮކްސިޖަން ލެވެލް ދަށްވެގެން ދިޔަ ކަމަށެވެ. އެހިސާބުން އިތުރު "ސަޕޯޓިވް މެޝަރ"ތައް ނެންގެވިކަން ފާހަގަކުރައްވައި ޑޮކްޓަރ ވިދާޅުވީ، އެންޓި ވައިރަލްއާއި، އެންޓި ބައޮޓިކް، ހައިޑްރޭޝަން އައިވީ ފަދަ ފަރުވާތައް ދޭން ފެށި ކަމަށެވެ. އަދި އޭރުވެސް ހާލަތު ގޯސްކަމަށާއި، އެހިސާބުން ޗައިނާގައި ބޭނުންކުރަމުން ދިޔައީ ކޮން ބޭހެއްތޯ ބަލައި ހުރިހާ ބޭސްތަކަކުން އެންމެ ރަނގަޅު ބޭހެއް ގެނެސް ފަރުވާދޭން ފެށިކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ އުއްމީދުވެސް ފަނޑުވެގެން ދިޔަ
ފުރަތަމަ 5 ދުވަހު ޕޭޝަންޓުގެ ޙާލު ގޯސްވަމުން ދިޔަކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ނޭވާ ލާން އުނދަގޫވުމުގެ އިތުރުން އެކްސްރޭ އާއި ސީޓީސްކޭންއިން ވެސް ފުއްޕާމޭގައި އެއްކޮށް ނިއުމޯނިއާ ހުރިކަން ފާހަގަވެގެން ދިޔަކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި އެގޮތަށް ނިއުމޯނިއާ ޖެހޭ ގިނަ މީހުން ކޮވިޑް-19 ޖެހުމުން ހާލަތު ވަރަށް ގޯސްވެގެންދާކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ، ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ އުއްމީދުވެސް ފަނޑުވެގެން ދިޔަ ކަމަށެވެ.
ޑރ. މޫސާ ހުސައިން ވިދާޅުވީ، އެހާ އުމުރުން ދުވަސްވީ މީހަކަށް ބަލައި، ނިއުމޯނިއާ ޖެހި ޙާލަތު ގޯސްވުމުން އޭނާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ފަނޑުވެގެންދާފަދަ ކަންކަން އެ ބަލިމީހާގެ ޙާލަތުންވެސް ފެނިގެންދިޔަ ކަމަށެވެ.
ނިއުމޯނިއާ މިގޮތަށް ގޮސްފައި ދާ މީހުންގެ ގިނަ މީހުންނަކީ މަރުވާ މީހުން ކަމަށް މި އިންނަނީ ދުނިޔޭގެ އެކި ތަންތަނުގައިވެސް، އެހެންވީމާ ފުރަތަމަ މިހެން ދަށްވާން ފެށީމާ ހޯދި ހޯދުންތަކާއި ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނު ގޮތުން އަޅުގަނޑުމެންވެސް އެއްފަހަރު ބެލެވުނު ދަމުންގޮސް ވެންޓިލޭޓަރަށް ލައި އަޅުގަނޑުމެން އަތުން ދޫވެގެންވެސް ހިނގައިދާނޭ، އެއީ ވާގޮތަކީ އާ ބައްޔެއް އާ ކަމެއް މީ އަޅުގަނޑުމެން އެންމެންނަށްވެސް، އެހެންވީމާ އަޅުގަނޑުމެންވެސް ތިބީ މީގަ ކިހިނެއްތޯ ވާނީ ބުނަން ނޭނގިފައި،އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ހެޑް
ޑޮކްޓަރ ވިދާޅުވީ، ބޭސް ފައްޓައި، ހުން މަޑުވެގެން ދިއުމާއެކު ހިތްހަމަޖެހިގެން ދިޔަ ކަމަށާއި، އިތުރު ސަޕޯޓިވް މެޝަރތަކާއެކު ދެވެން އޮތް އެންމެ ފުރިހަމައަށް ފަރުވާ ދޭން ފެށި ކަމަށެވެ. އެގޮތުން ބޭހުގެ ޓްރީޓްމަންޓް ދޭން ފެށިތާ 48 ގަޑިއިރު ތެރޭގައި ޕޭޝަންޓުގެ ހުން މަޑުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ 14 ދުވަސް ފަހުން ޓެސްޓު ހެދި ކަމަށާއި، އެ ޓެސްޓު ނެގެޓިވްވި ކަމަށް ޑރ ވިދާޅުވިއިރު، އެއީ ލިބުނު ބޮޑު ކާމިޔާބެއް ގޮތުގައި ޑރ ސިފަކުރެއްވިއެވެ.
ކޮންމެއަކަސް ޑރ މޫސާ ހުސައިން ފަދައިން ރާއްޖޭގައި މި ބައްޔަށް ފަރުވާދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ތައުރީފު ޙައްޤެވެ. މުޅި ދުނިޔެއިން ތަހައްމަލު ކުރަމުންދާ މި ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލްކޮށް، ފަރުވާ ދިނުމުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރަން ޖެހެއެވެ. އަދި އެއާއެކު ޑޮކްޓަރުންނާއި ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމަކީ އެ ފަރާތްތަކުގެ ޤުރުބާނީގެ އަގުވަޒަން ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމެވެ.