ފާއިތުވި 7 ދުވަހުގެ ތެރޭގައި ކޮވިޑް-19 އަލަށް ޖެހުނު މީހުންގެ އަދަދު ދޮޅުލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. އަދި މި 7 ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ.
ފާއިތުވި 7 ދުވަހަކީ ކޮވިޑް-19 ފެތުރެންފެށި ފަހުން އެންމެ ގިނައިން ކޭސްތައް ރިޕޯޓް ކޮށްފައިވާ ދުވަސްތަކެވެ. ވޭތުވެދިޔަ 7 ދުވަހުގެ ހިސާބުތަކަށް ބަލާލާއިރު މި މަހުގެ 18 ވަނަ ދުވަހު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ހުރީ 218،822 ގައެވެ. 19 ވަނަ ދުވަހު 26،111 މީހުންނަށް އިތުރަށް ކޮވިޑް-19 ޖެހި މި އަދަދު ވަނީ 244،933 އަށް އަރާފައެވެ. އަދި 20 ވަނަ ދުވަހު އިތުރު 30،664 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 275،597 އަރާފައިވެއެވެ.
މީގެ އިތުރުން މި މަހުގެ 21 ވަނަ ދުވަހު 29،439 މީހަކަށް ކޮވިޑް-19 ޖެހި، މުޅި ދުނިޔޭގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު 305،036 އެރިއެވެ. އަދި 22 ވަނަ ދުވަހު ވައިރަސް ޖެހުނު މީހުންގެ އަދަދު އިތުރުވިއެވެ. 22 ވަނަ ދުވަހު އެކަނި ވެސް 32،453 މީހަކަށް އަލަށް ވައިރަސް ޖެހުނު އިރު ޖުމްލަ އަދަދު 337،489 އެރިއެވެ. މިއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މި ފަސް ދުވަހުގެ ތެރޭގައި ލައްކައަކަށް ވުރެ މައްޗަށް އަރާފައިވެއެވެ.
23 ވަނަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އެދުވަހު އެކަނި ވެސް 41،371 މީހަކު ވައިރަސް ޖެހިފައިވެއެވެ. މިއާއެކު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 378،860 އަށް އެރިއެވެ. މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ 6 ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 394،180 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. މި ހިސާބުތަކަށް ބަލާނަމަ 23 ވަނަ ދުވަހަށްވުރެ އިތުރަށް މިއަދުގެ އިރު އޮއްސުމާ ހަމައަށް ވަނީ 15،320 މީހަކަށް އަލަށް ވައިރަސް ޖެހިފައެވެ.
މި 7 ދުވަހު މަރުވި މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 18 ވަނަ ދުވަހާ ހަމައަށް ވައިރަސް ޖެހިގެން މަރުވީ 8951 މީހެކެވެ. އަދި 19 ވަނަ ދުވަހު އިތުރު 1080 މީހަކު މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 10031 އަށް އަރާފައެވެ. މި ހިސާބުތައް ދައްކާ ގޮތުން 20 ވަނަ ދުވަހު އަލަށް 1356 މީހަކު މަރުވެފައިވެއެވެ. މިއާއެކު މަރުވި މީހުންގެ އަދަދު ވަނީ 11387 އަށް އަރާފައެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް މަރުވާ މީހުންގެ އަދަދު އައީ ބޮޑުތަކުނުން އިތުރުވަމުންނެވެ.
21 ވަނަ ދުވަހު އެކަނި ވެސް 1626 މީހަކު ވަނީ ވައިރަސްގައި މަރުވެފައެވެ. އަދި 22 ވަނަ ދުވަހު 1628 މީހަކު މަރުވެފައިވާ އިރު ޖުމްލަ މަރުވި މީހުންގެ އަދަދު 14641 އަށް އަރާފައިވެއެވެ. އިއްޔެ އެކަނިވެސް 1873 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު 16514 އަށް ވަނީ އަރާފައެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް މަރުވި މީހުންގެ އަދަދަކީ 656 އެވެ. މިއާއެކު 17170 މީހާކު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މަރުވެފައެވެ.
މި ހިސާބުތައް ދައްކާ ގޮތުން ވައިރަސް ޖެހުނު މީހުންގެ އަދަދު މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި 4 ލައްކައަށް އަރާނެއެވެ. އަދި މަރުވި މީހުންގެ ނިސްބަތް 20000 އަށްވުރެ މައްޗަށް ދާނެކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ.