ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 15:28
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
ކޮވިޑް-19
ރިސޯޓަކުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މުވައްޒަފަކު ހައްޔަރުކޮށްފި
ރިސީޓްތަކުން ރަށްރަށަށް އަދި ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުުން ވަނީ މަނާކޮށްފަ
މީގެ ކުރިން އައްޑޫ ސިޓީއަށް ދިޔަ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފަ
މިފަދަ މައްސަލަތަކުގައި ފުލުހުން ދަނީ އެމީހުން ބަންދުކޮށްގެން ތަހުގީގު ކުރަމުން

ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، ހުކުރު ދުވަހުގެ ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް ދިޔަ ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުން ވަނީ ފުވައްމުލަކު ސިޓީ އިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފަައިވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ.

މީގެކުރިން ރިސޯޓަކުން ފިލައިގެން އައްޑޫ ސިޓީއަށް ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް ޖަހާފައެވެ.

އާއްމު ސިއްހީ ނުރައްކަލުގެ ހާލަތުގައި، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާއެމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

- ކޮމެންޓް