މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރުމެންދާ ކޮވިޑް-19 ގެ ރޯގާގައި އެތައްބަޔަކު ހާސްކަމެއްގެ ތެރޭގައި ވަނިކޮށް، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގައ ވެސް އެތައް ބަޔަކު އެބައުޅެއެވެ.
ދޮގު މައުލޫމާތު ފެތުރުމާއި، ހާސްކަމެއްގެ ތެރެއަށް ރައްޔިތުން ގެނެސް އެކަމުގެ ބިރުވެރިކަން އިންތިހާއަށް ކުރިމަތިކުރުވުމަށް އެ ފަރާތްތަށް މަސައްކަތްކުރެއެވެ. ކޮވިޑް-19 އިގެ ޓާސްކްފޯސް އިން ހާމަކުރަމުންދާ މައުލޫމާތުވެސް އެ ފުށް މިފުށަށް ޖަހައިގެން ސައްޚަކަން ގެއްލޭ މިންވަރަށް ދައުރުކުރަމުންދެއެވެ. ސަރުކާރުން ދޭ އިރުޝާދުތަކަށް ބޯ ނުލަނބާ އަމިއްލަވަންތަކަން ގެންގުޅެފިނަމަ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތް ވެގެންދާނީ ފޫނެއް ފަޔަށް ފެން ފުރުންފަދަ ކަމަކަށެވެ.
ޑރ. ނަޒްލާ ވިދާޅުވި ފަދައިން ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ ނުކައި ނުބޮއި ނުނިދާ އާއިލާތައް ދޫކޮށްލާފައި މިހާ ބޮޑު މަސައްކަތެއް ކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. ރޭއާއި ދުވާލު އެބޭފުޅުން ކުރަމުންދާ މަސައްކަތުގެ އަލިމަގެއް ފެންނާނީ ރައްޔިތުން އެ އަޑު އަހައިގެންނެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ގޭގެ ސިޓިންގރޫމްގައި އިނދެ ވާހަކަ ދައްކަން ފަސޭހަވެދާނެ އެވެ. މިވެނި ކަމެއް ނުވެއޭ އެވެނި ކަމެއް ނުކުރީ ކީއްވެހޭ ބުނެ ސުވާލު އުފައްދަން ފަސޭހަވެދާނެ އެވެ. ނަމަވެސް އެގެން އޮތް ހަގީގަތަކީ މި ނާޒުކު ދަނޑިވަޅުގައި ސިއްޚީ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުންނާއި ސަރުކާރުން މިކަމަށް އެކުލަވާލި ޓާސްކްފޯސް ބޭފުޅުން ނަގަމުންދާ ކޮންމެ ފިޔަވަޅެއް ވެސް ނަގަމުންދަނީ ހާލަތާ އެއްގޮތަށް އެކަމުގައި އަމަލުކުރެވޭނެ އެންމެ ރަނގަޅަކަށް ކަމެވެ.
މައުލޫމާތު ހާމަކުރުމުގައި ވެސް އެކަމަށް ކަނޑައެޅިފައިވާ ވަކި ޤާނޫނަކާއި ގަވާއިދެއް އޮންނަކަން އެގެން އެބަޖެހެއެވެ. އެ މައުލޫމާތުވެސް ހާމަ ކުރެވޭނީ އެ އޮންނަ މިންވަރަކަށް ކަން ގަބޫލުކުރަން ޖެހެއެވެ. މި ދައްކަނީ ނުރައްކާތެރި ބަލިމަޑުކަމެއްގެ ވާހަކައެވެ. އެކަމެއް ނުކުރުމަށް އިލްތިމާސްކޮށްފިނަމަ ބައެއްފަހަރު އެއީ އެކަން ކުރުމަށް ބުނާބުނެމެއް ކަމަށް ބައެއް ރައްޔިތުންނަށް ވިސްނެނީ ކަމަށް ވެސް ވެދާނެއެވެ.
ކޮވިޑް-19 ގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރުމާއި ފުލުހުން ކަމަށް ބުނެ ބަލި މީހުންގެ މައުލޫމާތު ހޯދުމަށް ވެސް ގުޅަނީ އެވެ. ހޯމް އައިސޮލޭޝަންއަކަށް ދިއުމަށް އެދުމުން އެކަމާ ވެސް ދެކޮޅު ހަދަނީ އެވެ. ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުދިއުމަށް އިލްތިމާސްކުރުމުން އެކަމަށް ވެސް ދެކޮޅު ހަދަނީ އެވެ. ކާބޯތަކެތި ޖަމާނުކުރުމަށް އިލްތިމާސް ކުރުމުން އެކަމަށް ވެސް ދެކޮޅު ހަދަނީ އެވެ.
މިހާރު މިކުރިއަށްދާ މަރުހާލާގައި ޓެސްޓްކުރެވޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތައް ވެސް ޝެއާކުރުމުގެ ވިސްނުން ގެންގުޅެނީއެވެ. މިކަމުގައި ވެސް ޑރ ނަޒްލާގެ އިލްތިމާސް އެއް ވެއެވެ. ޑރ ނަޒްލާ ވިދާޅުވީ އެފަދަ ލިޔުމެއް ލިބުނު ނަމަވެސް އެ ލިޔުން ޝެއާ ނުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށެވެ.
ކޮވިޑް-19 އަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ހާލަތާ ގުޅޭގޮތަށް ފިޔަވަޅުތައް އަޅާ ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަމުންނެވެ. މި ދަނޑިވަޅަކީ ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރައި ރައްޔިތުން ހާސްކަމުގެތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫނެވެ. މިއީ ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީ މާޒީގައި ދިވެހިން ދެއްކި ރިތި ނަމޫނާ ދައްކަންވީ ވަގުތެވެ. މިއީ ހަމަ އެކަނި ތިމާގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ނޫނެވެ. އެހެން މީހުންގެ ވެސް ރައްކާތެރިކަމަށެވެ. ކަމެއް ހާސިލްކުރަން އެދޭނަމަ އެކަމަކަށް އެއްބާރުލުންވެސް ދޭންޖެހެނެއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ.