ކޮވިޑް-19 ގެ ސަބަބުން މެކްސިކޯގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް އެއް މަހަށް މަޑުޖައްސާލައިފިއެވެ.
އަންގާރަ ދުވަހު އެ ޤައުމުގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން، މާރޗު 18 ވީ އަންގާރަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 19 އަށް ކޯޓުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ވަނީ ނިންމާފައެވެ.
އަދި އެގޮތަށް ނިންމާފައިވަނީ އެ ޤައުމުގައި މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މެކްސިކޯއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 80 އަށްވުރެ އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވި 29 މީހުން ހިމެނެއެވެ.
އެ ޤައުމުން މިހާތަނަށް ވައިރަސްގެ ސަބަބުން މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ބައެއް ފިިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 180،000 އަށްވުރެ އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދުވެސް ވަނީ 7000 އަށްވުރެ އިތުރުވެފައެވެ.