އިތާމުތްތަކެއްހެން އުކާލެވިފަވާ މި ކުދި ރަށްތަކަކީ ދިގު ސަޤާފަތެއް ދައްކުވައިދޭ ފަހުރުވެރި ބަޔަކު ދިރި އުޅޭ ތަނެކެވެ. މީގެން ކޮންމެ ރަށަކުން ދައްކުވައިދެނީ ފުދުންތެރި ކަމާ ދިވެހިންގެ ހީވާގިކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން ދެއްކި ރިވެތި ނަމޫނާއެވެ.
ނަމަވެސް ދުނިޔެއަށް އަންނަމުންދާ ތަރައްޤީގެ ބާނިތަކުގެ ދަށުވެ މި ރީތި އިތާމުއްތައް ކަނޑުވެ ގެއްލޭތަންފެންނަމުން އެބަދެއެވެ. އެންމެ ކުރިންފެށިގެން ކުރަމުން އައި މަސައްކަތްތައް ވިއްސިވިހާލިވާތަން ނުފެނޭހެއްޔެވެ؟ އަޅުގަނޑުމެންގެ ލޭނާރުކަމަށް ކިޔާ ދޮށީގެ މަސްވެރިކަން މިދަނީ ދުވަހެއް ދުވަހަކަށް ނެތި ގެއްލެމުންނެވެ. މިއަދު މިޤައުމުން ފެންނަމުންދަނީ ކާބަފައިން ދެއްކި މަގު އޮޅުމަކުން ނަމަވެސް އަތުން ބީވެދާކަމުގެ ހެކިތަކެވެ! ބޭރުފައިސާއަށް ރާއްޖޭގެ ލަގަން ދޫކޮށްލެވެމުންދާ މަންޒަރެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މި ރާއްޖޭގެ ފަތުރުވެރިކަންވެސް މިވަނީ ގައުމު ނުދެކޭވަރުގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައެވެ. ޚުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ސާކުގެ ޤައުމުތަކާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، ބޭރުފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވެގެންދާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ލޮޅުން ތަކާއި އެކު ބޭރު ފައިސާގެ 450 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފަކުރެވޭރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
އެހެންކަމަށްވާނަމަ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެގެން ތިބެވިދާނެތޯ މިވަނީ ސުވާލު އުފެދިފައެވެ. އެހެނިހެން މަސައްކަތްތެރިކަން ކުރިއެރުވިފައި އޮތީ ކިހާ މިންވަރަކަށްތޯ މިވަނީ ބަލާލަން ޖެހިފައެވެ.
ކާބަފައިން ކުރި ރިޔަލު ދޯނިމަސްވެރިކަން 1972 ގެ އަހަރު ތެރޭ އިންޖީނައް ބަދަލުވިއެވެ. އެއައްފަހު ދިވެހި މަސްވެރިކަމަށް ކުރިއެރުން ލިބެންފެށިއެވެ. މަސްވެރިން އެދުވަހަށްފަހު ދައްކަމުން އައީ މަސްކޮޅު ކިރޭނެ ގޮތެއް ނެތްވާހަކައެވެ. މަހަށް ހަމަ އަގު ނުލިބޭވާހަކައެވެ. އައިސް ނުލިބޭވާހަކައެވެ. ކޮންމެ ސަރުކާރަކުންވެސް މި ވާހަކަތަކަށް ރައްދުދެނީ ޤައުމުގެ ވެރިކައަށް އައުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ. ވެރިކަމަށް އާދެވުމުން ދެއްކި ވާހަކަތައް ދަނީ ފީ އިލޮށީގެ ބާރުގައެވެ.
ހަމައެފަދައިން ދަނޑުވެރިންވެސް ކެނޑިނޭޅި ކުރަމުން ދިޔަ ޝަކުވާއަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ވާހަކައެވެ. ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރާނެ ގޮތެއް ނެތްކަމުގެ ޝަކުވާއެވެ. ދަނދުވެރިކަމުން އުފައްދާ ބާވަތްތަކަށް ހަމައަގު ނުލިބޭ ވާހަކައެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ރާއްޖޭގައި ފުޅާ ކުރެވޭނެ ގޮތްތަކެއް ދައްކައިދިނުން އެދި ދަނޑުވެރިން ޝަކުވާ ކުރާތާ އެތައް ޒަމާނެއްވީއެވެ.
ނަމަވެސް އެދުވަހު މަސްވެރިންނާއި ދަނޑުވެރިން ދެއްކި ވާހަކަޔައް ވިސްނާލި ނަމަ މިއަށްވުރެ ރަނގަޅުވީސްކަން ކަށަވަރެވެ. ދެންވެސް ވަގުތުފާއިތުވުމުގެ ކުރިން ދިވެހި ކާބަފައިން ދެއްކި މަގުން ހިނގުން ބުއްދިވެރިއެވެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެ ތިބެގެން މިޤައުމު ސަލާމަތުގެ އައްސޭރިއަކައް ހިނގައިދާނެކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. ވުމާއެކު ޤައުމުގެ އެހެނިހެން ފަންނުވެރިކަމާއި މަސައްކަތްތަކަށް އިސްކަން ދިނުން މުހިއްމެވެ. އެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކެއް ސަރުކާރުން މަގުފަހި ކޮށްދޭން އެބަޖެހެއެވެ.