އައްޑޫ ސިޓީގައި ޤާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓުން، ކޮންމެ ޕްލާންޓަކުން 800 އަށްވުރެ ގިނަ ޓަނުގެ މަސް މަސްވެރިންގެ އަތުން ގަނެވޭނެ ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ޞާދިޤު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީއާއެކު ސިޓީ ކައުންސިލުން ގޭދޮށު މަސްޕްލާންޓް ޤާއިމުކުރުމުގެ މަސަކަތްތައް ކުރަމުންދާ ކަމަށާއި، މިހާރު ތިން މަސްޖަގަހަ އެޅުމަށްޓަކައި ކޮންސަލްޓެންޓަކު ހޯދާފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް ކޮންޓްރެކްޓަރެއް ހޯދުމަށްޓަކައި އިޢުލާން ކުރެވޭނެ ކަމަށް ޞާދިޤު ވިދާޅުވިއެވެ.
ޞާދިޤު ވިދާޅުވީ ހިތަދޫ، މަރަދޫ އަދި ހުޅުދޫމީދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމުކުރެވުމުން ވަޒީފާ އިތުރުވެ، މަސްވެރިންނަށް ހަމަ އަގު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ބޮޑު ފައިދާއެއް މަސްވެރިންނަށް ކުރާނެކަން ޞާދިޤު ފާހަގަކުރެއްވިއެވެ.
މަސްވެރިން ބާނާ މަސްގަނެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތެއް ކުރެވޭނެ. އޭގެ ސަބަބުން ވަޒީފާ އިތުރުވެ. މަސް ޕްރޮސެސްކުރެވިގެން ދިޔާމަ ރަނގަޅު އަގެއް ލިބޭނެ މަހަށް. ގޭދޮށު މަސްޕްލޭންޓުން އަޅުގަނޑުމެން މިބަލަނީ މަދުވެގެން ކޮންމެ ޕްލާންޓަކުން އަހަރަކު 800 އެއްހާ ޓަނު ނުވަތަ އެއްއަށްވުރެ ވެސް ގިނައިން ޕްރޮސަސް ކުރެވޭނެ.އައްޑޫ ސިޓީގެ މޭޔަރު މޭޔަރު އަބްދުﷲ ސޯދިހު
ޞާދިޤު ވިދާޅުވީ މިއީ ގާތްގަނޑަކަށް 18 މަސްދުވަހުގެ ޕްރޮޖެކްޓެއް ކަމަށެވެ.
މިސަރުކާރުން އަންނަނީ މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވަޢުދުވެ އެކަމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ޤާނޫނަށް މިފަހުން ވަނީ ބޮޑެތި އިޞްލާޙުތަކެއް ގެނެސްފައެވެ.
އެ އިޞްލާޙުތަކުގެ ދަށުން މަސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ފަރާތްތަކަށް ހައްޤުވެގެންވާ އިޖުތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދިނުމަށްޓަކައި މަސްވެރިންނަށް ޕެންޝަނާއި، ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭ ސްކީމެއް، މިނިސްޓްރީގެ މަޝްވަރާގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެކުލަވާލަން ޖެހެއެވެ.