މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖޭގެ ފަރާތުން، އަމާލް ކްލޫނީ ތަމްސީލް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނަޝީދު ކުރެއްވިޓްވީޓެއްގައިއެމަނިކުފާނު ވިދާޅުވީ، ރަނގަޅު މުސްލިމުންގެ ގޮތުގައި މުސްލިމް އަހުންނާއި ޢުހުތުންނަށް އެހީތެރިވެ ދިނުމަކީ ދިވެހިންނަށް ލާޒިމްކުރާ ކަމެއް ކަމަށެވެ.
އަމާލް އަކީ ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ފުންނާބު އުސް ވަކީލެކެވެ. ރާއްޖޭގެ ފަރާތުން ވަކީލެއްގެ ގޮތުގައި އަމާން ހަމަޖައްސާފައިވާއިރު، އޭނާ އަށް ގަޑިއިރަކަށް 30،000 ރުފިޔާ ލިބޭނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އަންގާރަ ދުވަހު އިއުލާން ކުރައްވާފައެވެ.
ސަރުކާރުގެ އެ ނިންމުމަށް ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ފަރާތްތަކުން ވަނީ ރާއްޖެ އަށް ޝުކުރު އަދާކޮށްފައެވެ.