ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އެފްރިކާ ބައްރުގެ ޤައުމެއް ކަމަށްވާ ނައިޖީރިއާއިންވެސް ފެނިއްޖެއެވެ.
ކުރިން އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ވައިރަސް ފެނިފައިވަނީ ހަމައެކަނި މިސްރާއި އަލްޖީރިއާއިންނެވެ. ނަމަވެސް ނައިޖީރިއާގެ ހެލްތު މިނިސްޓަރު އިމޭނުއެލް އޮސާޖީ ވިދާޅުވީ، ނައިޖީރިއާއިންވެސް މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާ ކަމަށެވެ.
އެގޮތުން އޭނާއަކީ ނައިޖީރިއާގައި މަސައްކަތްކުރާ އިޓަލީ މީހެއް ކަމަށާއި، އޭނާ އިޓަލީއަށް ގޮސްފައި އެނބުރި ނައިޖީރިއާއަށް އައިސްފައިވަނީ 25 ފެބްރުއަރީގައި ކަމަށް އޮސާޖީ ވިދާޅުވިއެވެ. އަދި އޭނާ ދިރިއުޅެނީ ނައިޖީރިއާގެ އެންމެ އާބާދީ ބޮޑު އެއް ސިޓީކަމަށްވާ ލެގޯސްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮސާޖީ އިތުރަށް ވިދާޅުވީ، އޭނާގެ ހާލު ސްޓޭބަލް ކަމަށާއި، އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ.
އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޤައުމުކަމަށްވާ މިސްރުން ވައިރަސްއަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އަލްޖީރިއާއިންވެސް މި ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެފްރިކާ ބައްރުގެ 3 ޤައުމަކުން މި ވައިރަސް ފެނިފައިވާއިރު، މިއީ ވައިރަސްއަށް ތައްޔާރުވުމަށް ހުރި ދޮރުތައް ބަންދުވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ.
އެގޮތުން އެފްރިކާ ބައްރުގެ އިތުރު ޤައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، އެކަމަށް ފުރިހަމައަށް ސަމާލު ވާންޖެހޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ބުނެފައެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް މި ވައިރަސް ފެތުރިގެން ދިއުން ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޑަބްލިއުއެޗްއޯއިންވެސް ވަނީ އެފްރިކާ ބައްރަށް މި ވައިރަސްގެ ނުރައްކާ ބޮޑުވާނެ މިންވަރު އަންދާޒާ ކުރެވޭތީ އެ ބައްރުގެ ޤައުމުތަކުގެ އިތުރު 29 ލެބޯޓަރީއަކަށް ބޭނުންވާ ޓެސްޓް ކިޓްތައް ފޮނުވާފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ޔޫރަޕްގެ އެހީގައި މިހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް އެފްރިކާ ބައްރުގެ 36 ޤައުމެއްގައި ސީދާ ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އޭގެ އިތުރުން، އެފްރިކާގެ ގިނަ ޤައުމުތަކުން މިހާރު ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ތައްޔާރީ ފިޔަވަޅުތައް އަޅަމުންދާއިރު، ނައިޖީރާގެ ރެޑް ކްރޮސް ސޮސައިޓީން ބުނާ ގޮތުގައި އެ ޤައުމުން މިހާރު ވަނީ މިލިއަނެއްހާ ވޮލަންޓިޔަރުން އެލަރޓަށް ނެރި ތަމްރީނުކޮށް، ތައްޔާރީ ޙާލަތުގައި ބަހައްޓާފައެވެ.