Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 13:32
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް
ފޭސްބުކް
ރައްޔިތުންގެ މަޖިލިސް
އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމާއި މިލްކުކުރުުމުގެ ހަމަތައް ބަޔާންކުރާ ބިލު މަޖިލީހަށް ހުށަހަޅައިފި
މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް

ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކު ކުރެވޭނެ މަގުފަހިކޮށްދޭނެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން އެއް މެދު އިމާރާތުގެ ބިލް ހުށަހަޅާ އެ ބިލަށް ބަހުސް ފަށައިފިއެވެ.

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް އެވެ. ބިލް ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ އެއް މެދު އިމާރާތުގެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު ޢިމާރާތުގެ އެކި ބައިތަކުގައި ދިރިއުޅެ، އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އެނޫންވެސް އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

Advertisement

އެއްމެދު ޢިމާރާތެއް ގޮތުގައި ރަޖިސްޓްރީކުރާ ބިމާއި، ޢިމާރާތުގެ ޢާންމު ސަރަޙައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި ޢިމާރާތްތަކުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރާ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަކީ ވެސް ބިލްގެ މަޤްސަދެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ މަތިން އެއްމެދު ޢިމާރާތްތަކާގުޅޭ މުޢާމަލާތްތައްކޮށް، އެއްމެދު ޢިމާރާތްތައް ހިންގާ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން. އިއްޒަތްތެރި ރައީސް. މިބިލްގައި ބިމާއި އިމާރާތެއް ނުވަތަ އިމާރާތެއްގައި ހިމެނޭ ޔުނިޓްތަކާއި އާންމުތަންތަން ވަކިވަކި ބައެއްގެ ގޮތުގައި ކަނޑައަޅައި ބައިކުރުމާއި ނުވަތަ ސްޓްރާޓަރ ޕްލޭނާ ހުއްދަ ހޯދުމާއި ހުށަހަޅާ އިމާރާތުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅިފައިވޭ
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް

ހުއްދަ ދޫކުރާ ސްޓްރާޓާ ޕްލޭން ދަފްތަރު ކުރުމާއި ސްޓްރާޓާ ޕްލޭނަށް ގެންނަ އިސްލާހުތައް ދަފްތަރުކޮށް މިނިސްޓްރީން ބަލަހައްޓަން ވާނެކަމަށް މި ބިލްގައި ބަޔާން ކޮށްފައިވާކަމަށް ނާޒިލް ވިދާޅުވި އެވެ. މީގެއިތުރުން މިބިލްގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކުގެ މަތިން ސްޓްރާޓާ ޕްލޭނަށް ބަދަލު ގެންނައުމާއި ސްޓްރާޓާ ޕްލޭންގައި ހިމެނޭ ޔުނިޓްތައް ނުވަތަ ޔުނިޓްތައް ކަނޑައެޅިފައިވާ ގޮތް ބިލްގައި ބަޔާންކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ސްޓްރާޓާ ޕްލޭނަށް ހުއްދަ ދިނުމާއެކު މިބިލްގެ ދަށުން އެކުލަވާލާ ވަކި އުސޫލުތަކާއި ހަމަތަކެއްގެ މަތިން އެއްމެދު އިމާރާތްތައް ބޭނުންކުރުމާއި ބެލެހެއްޓުމަށް އެކުލަވާލާ ސްކީމް ނުވަތަ ސްޓްރާޓާ ސްކީމް ހުއްދަ ދިނުމާއި ގުޅޭ އުސޫލުތައް މިބިލްގައި ބަޔާންކޮށްފައި ވާކަމަށް ނާޒިލް ވިދާޅުވި އެވެ. މީގެއިތުރުން އަލަށް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ސްޓްރާޓާ ޕްލޭންގެ ޕްރޮޕޯސަލް ހުށަހެޅުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަޝްރޫޢެއް ހިންގުމަށް ސްޓޭޖް ޑިވެލޮޕްމެންޓްގެ ދަށުން އެއް މެދު އިމާރާތްތައް ތަރައްޤީކުރުމަށް ހުއްދަ ހޯދުމާއި ގުޅޭ އުސޫލުތަކާއި މިފަދަ މަޝްރޫޢުތައް ހިންގުމާއި ގުޅޭ އެންމެހާ އުސޫލުތައް ބިލްގައި ބަޔާންވެގެންވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް