Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 12:30
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ރައީސް އޮފީސް
ކުރީގެ ނައިބު ރައީސް ޖިހާދު
ކުރީގެ ނައިބު ރައީސް ޖިހާދު، ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ ދައުވާކޮށްފި
ރެހެންދި ފްލެޓްގައި ދައުލަތާ ހަވާލުނުކޮށް ބޭނުން ކުރެއްވުން
އޭޖީން އެދިފައިވަނީ ޖުމްލަ 1،109،227.36ރ އެކީ އެއްފަހަރާ ހޯދުމަށް
ޖިހާދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތިންވަނަ ނައިބު ރައީސް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އޭނާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ބުދަ ދުވަހު ބުނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިޙާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުންކަމަށް އޭޖީ އޮފީހުން ބުނެފައި ވެއެވެ. އޭޖީ އޮފީހުން ބުނީ، ޖިހާދު އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގަ ކަމަށެވެ.

Advertisement

އެހެންކަމުން، ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިޙާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ބުނެފައި ވެއެވެ.

ޖިހާދަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި "ބޮން" ގޮއްވާލި މައްސަލައަށްފަހު، އޭރު ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބު މަގާމުން ވަކިކުރެއްވުމަށްފަހު ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޖިހާދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް