Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 12:53
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަތޮޅުތަކަށް ސްޕެޝަލިސްޓުން ހޯދުމުގައި ގޮންޖެހުންތައް އެބަހުރި: ހެލްތު މިނިސްޓަރ
ގޮންޖެހުންތައް ދިމާވާ މައިގަނޑު ސަބަބެއްކަމަށް ގަބޫލުފުޅު ކުރެއްވެނީ މުސާރައިގެ ކަންކަން ހުރި ގޮތުންކަމަށް މިނިސްޓަރ ވިދާޅުވި

އަތޮޅުތަކަށް ސްޕެޝަލިސްޓުން ހޯދުމުގައި ގިނަ ގޮންޖެހުންތައް ދިމާވަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

Advertisement

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެގޮންޖެހުންތައް ދިމާވާ މައިގަނޑު ސަބަބެއްކަމަށް ގަބޫލުފުޅު ކުރެއްވެނީ މުސާރައިގެ ކަންކަން ހުރި ގޮތުން ކަމަށެވެ. އަދި އަތޮޅުތަކުން އެކަށީގެންވާ މިންވަރަށް ބަލި މީހުން ނުލިބުމަކީވެސް އޭގެ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން މުސާރައަށް ގެންނަންޖެހޭ ބަދަލުތައް ނުވަތަ މުޅި އިންތިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ ކަރުދާސްތައް އަޅުގަނޑުމެން ތައްޔާރުކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވަނީ. މިކަމާ ބަޖެޓާވެސް ގުޅޭ. އެހެންވީމާ ގޮންޖެހުންތަކެއް ހުރި ކަމެއް ހަގީގަތުގައި މިއީ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހިތުގެ ބަލީތަކަށް ފަރުވާދޭނެ ޑޮކްޓަރެއް ހަމަނުޖެހި ލަސްވަމުންދާ ދިޔުމާ ގުޅޭގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކާޑިއޮލޮޖިސްޓުން ހޯދުމުގައި މިހާތަނަށް އައިރު ފަސް ފަރާތަކާ އިންޓަރވިއު ކޮށްފައިވާނެ ކަމަށެވެ. އެމީހުން ވަޒީފާއަށް ނެގުމަށްފަހު ވަޒީފާއަށް ނިކުތުމަށް ކައިރިވެފައިވަނިކޮށް އެއިން ކޮންމެ ފަރާތެއްވެސް ރާއްޖެ އައުން ކެންސަލްކުރަނީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން މިމައްސަލަ ހައްލުކުރުމަށް އައިޖީއެމްއެޗާ މިހާރު ވާހަކަ ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަމާގުޅިގެން އައިޖީއެމްއެޗް އާ ވާހަކަދެކެވި އައިޖީއެމްއެޗުން ކޮންމެ މަހެއްގެވެސް އެކަމަަށް ކަނޑައެޅޭ އިންތިޒާމެއްގެ ދަށުން ކާޑިއޮލޮޖިސްޓުން އެކޮޅަށް ގޮސް ދާއިމީ މީހަކު ލިބުމާ ހިސާބަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރުވަނީ ހަމަޖެހިފައި. އައިޖީއެމްއެޗާ އެކީގައި އެކަމަށް ވާންޖެހޭ އެއްބަސްވުން މިހާރުވެވިފައި ވަނީ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޑޮކްޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒް ވުމަށް އެކި ގައުމުތަކަށް ކިޔެވުމަށް ފޮނުވުމަށް އިތުރު ޖާގަ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް