Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 13:36
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ސިއްހީ ދާއިރާގައި ހުރި ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އަންނަ އާދިއްތަ ދުވަހު ކައުންސިލްތަކަށް ދޫކުރާނެ: މިނިސްޓަރ
ބަޖެޓްގައި ހުރި ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުރި އަތޮޅުތަކަށް ދޫކުރަންޖެހޭ ހުރިހާ މަސައްކަތެއް ފެށޭ ހަފްތާތެރޭގައި ކައުންސިލްތަކަށް ދޫކޮށްލާނެ

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުމަށްޓަކައި މިހާރު އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ސިއްހީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގައި ބަޖެޓް ކުރެވިފައިވާ މިންވަރު އަންނަ އާދިއްތަ ދުވަހު ކައުންސިލްތަކަށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓްގައި ހުރި ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުރި އަތޮޅުތަކަށް ދޫކުރަންޖެހޭ ހުރިހާ މަސައްކަތެއް ފެށޭ ހަފްތާ ތެރޭގައި ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް މިފަހުން ގެނެވެނު އިސްލާހާއެކީގައި ރަށްރަށަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް އެއީ ވަކި އަދަދަކަށްވުރެ ދަށް މަޝްރޫޢުތަކެއްނަމަ އެ މަޝްރޫޢުތައް ކައުންސިލްތަކުން ޓެންޑަރ ކޮށްގެން ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

Advertisement

މިއަހަރަށް ބަޖެޓް ކުރެވި މިހާރު ކުރެހުމާއި ކަންކަން ކުރެވި އާދިއްތަ ދުވަހު މިހާރުގެ އުސޫލުގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި އެމަސައްކަތް ހަވާލުކުރުމަށް ވަނީ ނިންމާފައި. އެފައިސާ ކަނޑައެޅިފައިވާ މިންވަރުން އެމަސައްކަތް މިހާރު ކުރުމަށް ކައުންސިލްތައް މެދުވެރިކޮށް. އެހެންވީމާ ކުރިޔަށް އޮތް އާދިއްތަ ދުވަހު އެމަސައްކަތް ކައުންސިލްތަކާ ހަވާލުކުރެވޭނެ. އެމަސައްކަތް ނިމި ޖާގަ ގާއިމު ވެގެންދިޔުމާ ވަސީލަތްތައް ގާއިމުވެގެން ދިޔުމާއެކީގައި އެޚިދުމަތް ފަށާގޮތަށް ހަމަޖެހިފައިވަނީ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ބޮޑުކުރުން ފަދަ ބަޖެޓްގައި ފައިސާ ހިމަނާފައިވާ މަޝްރޫޢުތައް މީގެތެރޭގައި ހިމެނޭ ކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ހުރި ރަށްރަށުގެ ތެރެއިން ޕީއެސްއައިޕީގައި ހުރި ހުރިހާ ޕްރޮޖެކްޓަތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޓެންޑަރ ކުރުމަށްޓަކައި ފޮނުވަންޖެހޭ ހުރިހާ އެއްޗެއް މި މަސް ނިމުމުގެ ކުރިން ފޮނުވަން މަސައްކަތް ކުރައްވާ ކަމަށެވެ. ޓާގެޓަކީ ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ހުރިހާ އެއްޗެއް ފޮނުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަންތަނުގެ ކުރެހުމުގެ މަސައްކަތް ނިމެމުން އަންނަވަރަކަށް ފަންނީ މީހުން ކޮމެންޓް ކުރެވި އެންމެ ފަހުގެ ކޮމެންޓަށް މިދިޔަ ހަފްތާގައި ފޮނުވާލެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހދ މަކުނުދޫގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ނުވެފައިވަނީ ކީއްވެތޯ އާއި އެކަން ކުރެވޭނެ ތާރީޚަކާއި ބެހޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކަން ކުރުމަށްޓަކައި އެ ރަށުގައި ހުރި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ޖާގަ އާއި ވަސީލަތްތައް ގާއިމުވެގެން ދިޔުމުން އެކަން ނިމިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޑޮކްޓަރުގެ ކަންތަކުގައި މައްސަލައަކަށްވީ ހަގީގަތުގައިވެސް ޖާގައިގެ ދަތިކަން. ޚާއްސަކޮށް އަންހެނުންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދޭ ކަމަށްވާނަމަ ޖާގަ ހުރެގެން ވަސީލަތްތައް ހުރެގެން އެޚިދުމަތްތައް ފޯރުކޮށްދެވޭނީ. ބައެއް ރަށްރަށުގައި މިނިޒާމުގެ ތެރޭގައި ފޯރުކޮށްދެވެން ނެތް ރަށަކަށް އެކިއެކި ރިކުޔެސްޓް ތަކާއެކު ޚިދުމަތް ފޯރުކޮށްދިނީމަ އެޚިދުމަތުގެ އެންމެ އެދެވޭ ފައިދާ ނުލިބިވެސް އެބަހުރި. އެހެންވީމާ ވަސީލަތާއި ޖާގަ އިތުރުވުމާއެކީގައި އެޚިދުމަތް ފޯރުކޮށްދިނީމާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނީ. ހަމައެކަނި ޑޮކްޓަރެއް ރަށަށް ފޮނުވާފައި ހުރީމާ ޑޮކްޓަރަށް ދެއްކުމުގެ ވަސީލަތްތައް ގާއިމުވެފައިނެތީމާ އާންމު ރައްޔިތުންގެ އުދާސްތައް ވަރަށް ބޮޑުވާނެ. އެހެންވީމާ މިހާރު މިރޭވިފައިވާ ގޮތަށް މަސައްކަތް ނިމި އެޚިދުމަތް ރަށުގައި ލިބިގެންދާނެ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ހުރިހާ ރަށެއްގައިވެސް މިފަދަ މައްސަލަތައް ހުރުމާއެކު މި މައްސަލަތައް ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް