Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 13:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރިޔާސީ ބަޔާނުގެ ޖަވާބު
އިދިކޮޅު ސިޔާސީ ލީޑަރ ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް: އިދިކޮޅު
ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް:ސަލީމް

އިދިކޮޅު ސިޔާސީ ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ނިރު އިންދުނު ކަމަށެވެ. އަދި ސަލީމް ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އުންސުރަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން ސިޔާސީ ދަނޑުގައި ޙަރަކާތްތެރިވުން ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށެވެ.

Advertisement

އެގޮތުން އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއެކުގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްވެ ޙަރަކާތްތެރިވާން ޖެހޭ ލީޑަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

މިމަފުހޫމުގައި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާގޮތަކުންވެސް ރައްޔިތުންނާއެކުގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްވެ ޙަރަކާތްތެރިވާންޖެހޭ ލީޑަރ. މަލްޓިޕާޓީ ޑިމޮކްރަސީގެ ރާއްޖޭގެ ޅަފަތުގައި، 5 އަހަރުގެ ދައުރެއް އެންމެ ފުރަތަމަ ރާއްޖޭގައި ފުރިހަމަކުރެއްވި ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވަނީ 2019 ވަނަ އަހަރު ނުޙައްޤުން ދެފަހަރަށް ޖަލަށްލާފައި.
މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު, އަހްމަދު ސަލީމް

5 އަހަރުގެ ދައުރެއް އެންމެ ފުރަތަމަ ރާއްޖޭގައި ފުރިހަމަކުރެއްވި ރައީސް، ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވަނީ 2019 ވަނަ އަހަރު ނުޙައްޤުން ދެފަހަރަށް ޖަލަށްލާފައި ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރައީސް ޔަމީން މިހާރު ގެންދަވަނީ އެ 5 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުން ކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރ ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު ކަމަށްވާ 77 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވިއެވެ. ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ދެ އަމުރެއް ނެރެދިނުމަށެވެ. އެއީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްދެއްވުންމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކުރުމަށެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ، ރައީސް ޔާމީން ޖަލުން ދޫކޮށްލުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއް ނެތްކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެންޖެހޭ ތަނެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ކަފާލާތުގެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި ހުށަހެޅުއްވިއެވެ. ނަމަވެސް ޝަރީޢަތުން ބެލި ބެލުމުން އެފަދައިން ބެއިލް ނިންމުން މުރާޖަޢާ ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

އިދިކޮޅު ސިޔާސީ ލީޑަރ ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއްކަމަށް އިދިކޮޅުން ބުނެފައިވާއިރު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ކުރީގެ ރައީސް އަދި އޭރުގެ އިދިކޮޅު ޕާޓީ ކަމަށް ވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. އެއީ ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ގައެވެ.

މީގެއިތުރުން ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރިއެވެ. އޭރު ބޭއްވި އެކި އެއްވުންތަކާ ގުޅިގެން ގިނަ ބަޔަކު ޖަލަށްލާފައިވާއިރު، ގިނަ ބައެއްގެ މައްޗަށް ދައުވާ ވެސް އުފުލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް