ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތަކީ އެމްޑީޕީން ޚާއްޞަ ސަމާލުކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށް އެޕާޓީން ބުނެފިއެވެ.
އަންގާރަ ދުވަހު އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަޠީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުން ހޯމަ ދުވަހު ވަރަށް އުފާވެރި ޚަބަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާ ކަމަށާއި، 2008 އަހަރު އެމްޑީޕީން ފެށި ކެންޕޭންގައި ވެސް އެންމެ މައިގަނޑު އެއް ވަޢުދަކަށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދިނުން ހިމެނޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޝަން ވިދާޅުވީ އެމްޑީޕީން ކޮށްފައިވާ ކޮންމެ ކެންޕޭނެއްގައި ވެސް އެންމެ ބޮޑު އެއް އިސްކަމެއް ދީފައިވާ ސިޔާސަތަކީ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދިނުން ކަމަށެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެސިޓީއަށްކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ މާލެ ސިޓީގައި ވަރަށް ދަތި ޙާލުގައި ދިރިއުޅޭ ވަރަށް ގިނަ ޢާއިލާތަކެއް ދިރިއުޅެމުންދާކަމަށާއި، އެފަރާތްތަކަށް ވެސް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
އެހެންކަމުން މިފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދީ މިދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުގައި ފެށި ޕްރޮޖެކްޓްތައް ވަނީ ފާއިތުވި ވެރިކަންތަކުން ވަރަށް ބޮޑަށް ބަދަލުކޮށް އެހައްގުނޫން ފަރާތްތަކަކަށް ފްލެޓްތައް ބަދާ ބޯހިޔާވަހިކަން ހައްގުވާ ފަރާތްތަކަށް އެހައްގު ނިގުޅައިގަނެފައި. އެހެންކަމުން އަޅުގަނޑުމެން އިއްޔެ ލިބުނު ޚަބަރާއެކު ފާހަގަކޮށްލަން ބޭނުންވޭ އިއްޔެ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ އަރަބިއްޔާ އަދި ގާކޮށި ފްލެޓްތަކުން ފުރުސަތު ނުލިބުނު ފަރާތްތަކުން ހައްގު ފަރާތްތައް އަލުން އެފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ފެށިފައިވާކަން.ސްޕޯކްސްޕާސަން އަފްޝަން ލަތީފް
އަފްޝަން ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމްޑީޕީން ގަދަ އަޅާ މަސައްކަތް ކުރަމުންދާ ސިޔާސަތެއް ކަމާއި، ރިޔާސީ އިންތިޚާބުތަކުގައި ވާހަކަތައް ދައްކަމުންދާ ފަދައިން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބު ކުރުމަށް މިއަހަރު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.