ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 16:50
މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް
މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް
ގޫގުލް
ހުސްނީ މުބާރަކް
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެ
 
މުބާރަކްގެ މައްޗަށް އެތައް ކުއްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ
 
މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރު
 
އަވަހާރަވެފައިވާއިރު، އުމުރުފުޅަކީ 91 އަހަރު

1981 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށް މިސްރުގައި ވެރިކަން ކުރެއްވި މިސްރުގެ 4 ވަނަ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި މުބާރަކް އަވަހާރަވެފައިވާއިރު، އުމުރުފުޅަކީ 91 އަހަރެވެ. އަވަހާރަވިއިރު އަނބިކަނބަލުންނާއި ދެ ދަރިކަލުން ތިއްބެވެ.

އެމެރިކާގެ ތާއީދާއެކު އަރަބި ދުނިޔޭގައި ގިނަ ދުވަސްތަކަކަށް ވަރުގަދަ ބާރެއްގެ ގޮތުގައި ހުންނެވި މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރު އޭރުގެ މިސްރުގެ ރައީސް އަންވަރުއް ސާދާތު އަވަހާރަ ކޮށްލި ހާދިސާއަށް ފަހުގައެވެ. ސާދާތުގެ ވެރިކަމުގައި މުބާރަކްއަކީ މިސްރުގެ ނައިބު ރައީސްއެވެ.

އޭގެ 30 އަހަރު ފަހުން މުބާރަކު ވެރިކަމުން ވައްޓާލީ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މިސްރުގެ ތަހުރީރު މައިދާނުގައި ހުއްޓުމެއް ނެތި 18 ދުވަސް ވަންދެން އިހުތިޖާޖު ކޮށްގެންނެވެ. އެގޮތުން 18 ދުވަހުގެ މުޒާހަރާގައި 900 އަށްވުރެ ގިނަ މީހުން މެރުމުގައި އިސްކޮށް ބައިވެރިވިކަމަށް ތުޙުމަތުކޮށް، ގާހިރާގެ ކޯޓް އޮފް ކެސޭޝަންސްގައި މުބާރަކްގެ މައްޗަށް ކުރި ޝަރީޢަތުން، އެމަނިކުފާނުގެ މައްޗަށް މި ދަޢުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނީ 2017 ވަނަ އަހަރުއެވެ.

އެގޮތުން މުބާރަކް އަކީ އަރަބި ގައުމެއްގެ ވެރިކަން ކުރެއްވި ބޭފުޅަކު އޭނާގެ އަމިއްލަ ގައުމުގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވުނު ފުރަތަމަ ފަރާތެވެ.

މުބާރާކް ފުރަތަމަ ބަންދުކޮށްފައި ބެހެއްޓީ މިސްރުގެ މަޝްހޫރު ޓޯރާ ކޮމްޕްލެކްސްގައެވެ. ނަމަވެސް ފަހުން ބަންދުގެ ދުވަސްތައް އޭނާ ހޭދަކުރެއްވީ މާދީ މިލިޓަރީ ހޮސްޕިޓަލުގައެވެ.

މުބާރަކްގެ މައްޗަށް އެތައް ކުށްތައް ކުރެއްވި ކަމަށް ތުހުމަތު ކުރެވުނު އިރު އޭގެ ތެރޭގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށްތައް ހިމެނެއެވެ.

މުބާރަކްގެ ވެރިކަން ވެއްޓުމަށްފަހު މިސްރުގައި ގާއިމްވި ފުރަތަމަ ޑިމޮކްރަޓިކް ވެރިކަމުގެ ރައީސަކަށް ވެވަޑައިގެންނެވި މުހައްމަދު މުރުސީއެވެ. ނަމަވެސް އަސްކަރީ ބަޢާވާތެއްގައި 2013 ވަނަ އަހަރުގެ ޖުލައި މަހު މުރުސީ ވެރިކަމުން ދުރުކޮށްފައިވާއިރު، ފާއިތުވި އަހަރު މުރުސީވެސް ވަނީ އަވަހާރަވެފައެވެ.

މުރްސީގެ ވެރިކަން ނިމުމަކަށް ފަހު، ވެރިކަމަށް އައީ ކުރީގެ އަސްކަރިއްޔާގެ ވެރިޔާ އަދި މިހާރު މިސްރުގެ ރައީސް އަބްދުލް ފައްތާޙު ސީސީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
25%
25%
25%
25%
0%
ކޮމެންޓް