Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 10:59
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
ރާއްޖެ އެމްވީ
މެމްބަރު ޤަފޫރު/ މަޖިލިސް
މިސަރުކާރުގައި ވައްކަން ކުރާމީހަކު ހުރިނަމަ ދައްކާ، ފިޔަވަޅު އަޅާނަން: ގަޕޯ
ގަޕޯ ވިދާޅުވީ ވައްކަން ކުރާ މީހަކު ހުރިނަމަ އިޝާރާތް ކޮށްލުމަށް
ވައްކަން ކުރާ މީހުންނަށް މިސަރުކާރުން ފުރުސަތު ނުދެއްވާނެ، ފިޔަވަޅު އަޅާނަން މަޖިލީހުން ވެސް: ގަޕޯ
ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ ބަޔަކު މިސަރުކާރުގެ ތެރޭގައި އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަޕޯ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ މަގާމެއްގައި ވައްކަން ކުރާ މީހެއް ހުރިއްޔާ، އެމީހަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ގަޕޯ މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އާއި ޕީޕީއެމް-ޕީއެންސީގެ ބައެއް މެމްބަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި ނަގަމުންދާ ފީތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

Advertisement

އެބްސޮލިއުޓް މެޖޯރިޓީ މަޖިލީހުގައި އޮވެގެން، މަޖިލީހުގެ ތެރެއިން ބޭނުންހާ ކަމެއްކޮށް، ރޯމާ ދުވާލު އެމްއެމްޕީއާރުސީން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ކެއީ. ވަގަށް ކެއީ. މިކަންކަން ކޮށްފައި މިތަނުގައި (މަޖިލީހުގައި) އޭގެތެރެގައި ހިމެނޭ ބައެއް މެމްބަރުން ވާހަކަ ދެއްކީމާ ދެން ހޭން ނުހުންނަށް މީހާއަށްވެސް ހަމަ ހިނި އަންނާނެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މިބުނަނީ އަނިޔާވެރިއެއް ނުވާނަމޭ، ދައުލަތުގެ ފައިސާއިން ވައްކަމެއް ނުކުރާނަމޭ. ތިބޭފުޅުން ދައްކަވާ، މިސަރުކާރުންވެސް ވައްކަން ކުރާ މީހެއް ވެއްޖިއްޔާ، ދައްކާ އެކަކުވެސް، އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)

ގަޕޯ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ބޭނުންހާ ކަމެއް ބޭނުން ވަގުތަކު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދިޔަ ނަމަވެސް، މިހާރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ހާއްސަކޮށް، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ވައްކާމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ފަދަ ޖަރީމާތައް ހިންގަން މިސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލިސް އޮތީ ފުރުސަތު ދޭގޮތަކަށް ނޫންކަމަށް ވެސް ގަޕޯ ވިދާޅުވި އެވެ.

ވައްކަން ކުރާކަން ނޫން ސަރުކާރު އައީކީ. ސަރުކާރުގައި ވައްކަން ކުރުމުގެ ނިޔަތުގައި މަސައްކަތް މީހަކު ހުރެއްޖިއްޔާ، ރައްޔިތުންނަށް އަޅުގަނޑު މިގޮވާލަނީ، ތިބޭފުޅުން އަޅުގަނޑުމެންނަށް އިޝާރާތް ކޮށްލައްވާށޭ. ފިޔަވަޅު އަޅާނަން. ސަރުކާރުން ވަކިކުރާނަން އެމީހަކު، ބައިތިއްބާކަށް ނޫން މިތަނުގައި (މަޖިލީހުގައި) ސަރުކާރުގެ މެޖޯރިޓީ މިއޮތީކީއެއް. އެކަން އެގޮތަކަށް (ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރިގޮތަށް) އަޅުގަނޑުމެން ނުކުރާނަން. ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އެކަން އެގޮތަށް (ރައީސް ޔާމީން ވެރިކަން ކުރިގޮތަށް) ކުރާކަށް ނޫން،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)

ގަޕޯ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މުޅިގައުމުގައި ވައްކަމާއި ފަސާދަ ހިންގާފަ، އެކަންކަމުން އަރާނުގަނެވި، އަދި އެވިސްނުމުގައި މަސައްކަތް ކުރަމުންދާ ބަޔަކު މިސަރުކާރުގެ ތެރޭގައި ތިބެދާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ގަޕޯ ވިދާޅުވީ މި ގައުމުން ވައްކަމާއި ކޮރަޕްޝަން ހުއްޓުވޭނީ އެންމެންގެ މަސައްކަތުން ކަމަށެވެ. އަދި ދައުލަތަށް ލިބޭ ބޮޑު އާމްދަނީއެއް ދަނީ ވައްކަމާއި ކޮރަޕްޝަނުގެ ތެރެއިން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ގަޕޯ ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކޮށް ނަގަމުންދިޔައީ އެއަރޕޯޓް ތަރައްގީ ކުރުމަށް ނެގި އެއް ބިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް ކަމަށެވެ. އަދި މިހިނގާ 2020 އަހަރުގެ މާރޗު މަސް ނިމިމުން އެއާޕޯޓުން ނަގަމުންދިޔަ ފީތައް ކަނޑާލުމަށް ނިންމާފައިވާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. ނަމަވެސް ގަޕޯ ވިދާޅުވީ އެއަރޕޯޓް ފީތައް ބޮޑުކޮށް، ނަގަމުންދިޔަ ބަޔަކު، އަދި ރައްޔިތުން ބޭނުންކުރަމުންދިޔަ ކާޑުގެ ބާވަތްތައްކުންނާއި ކަރަށްޓް ބިލް ބޮޑު ކުރިބަޔަކު އެއަރޕޯޓް ފީތައް ކަނޑާލަން ވިސްނާފާނެ ކަމަށް ބުއްދިހުރި މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާފައިނުވާއިރު، ޝިޔާމު އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށްވެސް ގަޕޯ ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެއަރޕޯޓް ފީތަކަށް ބަދަލު ގެނަޔަސް، ދިވެހި ރައްޔިތުންނަށް އަގު ބޮޑުވެގެން ނުދާނެ ކަމަށާއި، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަދި ދާނީ ވެސް ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:35
ޟަމސު
444