ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާގެ ނަން ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް އަލުން އަނބުރާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މިބިލް ދިރާސާކުރުމަށްފަހު ކޮމިޓީން ގެނައި ގޮތަށް ފާސްކުރުމަށް ނެގުނު ވޯޓުން ފާހެއް ނުވި އެވެ. އެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންވަނީ އެބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. ބިލް ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 3 މެމްބަރުންނެވެ. މިބިލް ފާސްކުރަން ނުފެންނަކަމަށް މެމްބަރުން ވޯޓު ދެއްވުމާއި ގުޅިގެން އެބިލް އަނބުރާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފެނޭތޯ ވަނީ ވޯޓަށް އައްސަވާފަ އެވެ.
މިވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުން ވަނީ މިބިލް ދިރާސާކުރުމަށް އަނބުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މިބިލްގައި ވަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު ދާއިރާގެ ނަން ރަސްމީ ލިޔުންތަކުގައި ލިޔާނީ އެ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށްކަމަށެވެ. އަދި އިންތިޚާބީ ދާއިރާގެ ނަން ލިޔެފައި އޮންނަންވާނީ އާބާދީގެ ތަރުތީބުން އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިޔަށް އޮންނަ ގޮތަށް އާބާދީގެ ބޮޑުމިނުގެ ތަރުތީބުންނެވެ.