Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 13:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ސީޑޯ މުއާހަދާއަށް ރާއްޖެއިންދީފައިވާ އިއުތިރާޒުތައް ނެގުމަށް މަޖިލީހުން ރުހުންދީފި
ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުން

ސީޑޯ މުއާހަދާއަށް ރާއްޖެއިން ދީފައިވާ އިއުތިރާޒުތައް ނެގުމަށް މަޖިލީހުން ރުހުން ދީފި އެވެ.

އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 61 މެމްބަރުންވަނީ މިކަމަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. ނުފެންނަކަމަށް ވޯޓު ދީފައިވަނީ އެއް މެމްބަރެކެވެ.

ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ބީ، އީ، ޖީ، އެޗް އަދި އެމާއްދާގެ 2 ވަނަ ނަންބަރަށް ރާއްޖެއިން ކޮށްފައިވާ އިއުތިރާޒުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެއިއުތިރާޒުތައް ނެގުމަކީ އެންމެ ރަނގަޅު ކަމެއްކަމަށެވެ.

ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (ބ) އަކީ މިނިވަންކަމާއެކު ކައިވެނީގެގޮތުން ގުޅޭނެ މީހަކު އިޚްތިޔާރު ކުރުމާއި އަމިއްލަ އިޚްތިޔާރުގައި މަޖުބޫރު ކަމެއްނެތި ކައިވެނި ކުރުމުގެ ހައްޤު ބަޔާންކޮށްފައިވާ ބައެވެ. އީ އަކީ މިނިވަންކަމާއި މަސްއޫލުވެރި ގޮތެއްގައި، ދަރިން ހޯދާނެ ޢަދަދެއް ކަނޑައެޅުމާއި، ދަރިން ހޯދުމުގައި ދޭތެރެ ދުރުކުރާނެ މިންވަރެއް ކަނޑައެޅުމުގެ ހައްޤާއި މިހައްޤުތައް ފުރިހަމައަށް ބޭނުންކުރުމަށް ބޭނުންވާ މަޢުލޫމާތާއި ތަޢުލީމު އަދި ވަޞީލަތްތައްހޯދުމުގެ ފުރުސަތު ލިބުން ބަޔާންކޮށްފައިވާ ބައެވެ. ޖީ އަކީ ކައިވެނި ކުރުމުގެ ފަހުން ބޭނުންކުރާނެ އާއިލީ ނަމެއް އިޚްތިޔާރުކުރުމާއި ކުރާނެ މަސައްކަތެއް ނުވަތަ ކުރިޔަށްދާނެ ފަންނެއް ޚިޔާރު ކުރުން ފަދަ އަނބިމީހާއާއި ފިރިމީހާގެ ހައިސިއްޔަތުން އޮންނަ ޒާތީ ހައްޤުތަކާ ގުޅޭ ބައެވެ. އެޗް އަކީ މިލްކިއްޔާތުގެ ވެރިކަމާއި، ހޯދުމާއި ބެލެހެއްޓުމާއި ހިންގުމާއި، ބޭނުންކުރުމާއި ދޫކޮށްލުމާއި، މިފަދަ ކަންތައްތައް ހިލޭނުވަތަ އަގަކަށް ކުރުމުގައި ދެމަފިރިންނަށް އެއް ހައްޤުތަކެއް ލިބިދިނުން ކަމަށް ބަޔާންކޮށްފައިވާ ބައެވެ.

Advertisement

އެ މާއްދާގެ (2) ވަނަ ނަންބަރު ގައި ވަނީ ކުޑަކުއްޖަކު މީހަކާ ކައިވެނި ކުރުމާއި ވަކިމީހަކާ ކައިވެނި ކުރުމަށް ކުރާ އަހުދަކީއެއްވެސް ގާނޫނީ ބާރެއް އޮންނާނެ ކަންތައްތަކެއް ނޫނެވެ. އަދި ކައިވެނީ ކުރުމަށް ހުއްދަ ދެވޭނެ އެންމެ ޅައުމުރެއްކަނޑައެޅުމަށާއި، ރަސްމީ ގޮތެއްގައި ކައިވެނި ރަޖިސްޓްރީކުރުން މަޖުބޫރު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. މީގެތެރޭގައި މިކަންކަމާމެދު ޤާނޫނު ހަދަންވެސް ވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ 31 ކަމެއް ފާހަގަކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މިމާއްދާތަކަށް ކޮށްފައިވާ އިއުތިރާޒު ނެގުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ލަފާދީފައިވުމެވެ. މިއިއުތިރާޒު ނެގުމުގެ ސަބަބުން ސަރުކާރުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުުރުވުމަށް ހުރި ކަންކަން ހާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ސިޔާސީ، އިގްތިޞާދީ އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން އިސްލާމީ އެހެން ގައުމުތަކަށް ބަލާއިރު މެލޭޝިޔާއިން މި މުއާހަދާގައި ސޮއިކޮށްފައިވަނީ 16 ވަނަ މާއްދާއަށް އިއުތިރާޒުކޮށްފައި ކަމަށާއި ނަމަވެސް އެގައުމުން ފަހުން 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ބީ، އީ، ޖީ، އެޗަށް ކޮށްފައިވާ އިއުތިރާޒުތައް ނަގާފައިވާކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް