ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 13:09
ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ޓީއެމްއޭއަތުން މިދިޔަ ސަރުކާރުން އެޑްވާންސަށް ފައިސާ ނަގާފައިވޭ: ޣަފޫރު
އައު ސީޕްލޭން މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައިވަނީ ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށް
ޓީއެމްއޭއިން ބުނެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންނަށް މިހާރުވެސް ދެމުން އަންނަ "ފުރިހަމަ ހިދުމަތް" ކުރިއަށް ގެންދެވޭ ފަދަ ހައްލެއް ހޯދަން ކަމަށް

އެޑްވާންސްގެ ގޮތުގައި މިދިޔަ ސަރުކާރުން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަތުން ފައިސާ ނަގާފައިވާކަމަށާއި އައު ސީޕްލޭން ޓަރމިނަލް މައްސަލާގައި ސަރުކާރުގެ ނިންމުން ގަބޫލުނުކުރާ ކަމަށް ޓީއެމްއޭއިން ބުނަމުން އަންނަނީ އެހެންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ފީ އާ ޓެކްސް ނެގުމާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ އެޑްވާންސަށް ފައިސާ ނަގައިގެން އެފައިސާ ކައިފަކަމަށެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރުމަށް އެއް ބިލިއަން ޑޮލަރު ނެގިކަމަށާއި އޭގެތެރެއިން ތިން މިލިއަން ކެއީ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެޑްވާންސަށް ޓީއެމްއޭ އަތުން ފައިސާ ނެގީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ތިމަންނަމެން މިހުށަހެޅުން ގަބޫލެއް ނުކުރަމޭ ދިވެހި ސަރުކާރު ކުރިމަތީގައި ބުނަން އެޖެހެނީ. އެޑްވާންސަށް ލާރި ނަގައިގެން ކައިފަހުރީ. ޓީއެމްއޭއިން 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހެދި އިމާރާތް ޓީއެމްއޭއަށް ދޭންޖެހޭނެ ކަމަށް އެމީހުން އަދިވެސް އެދަނީ ދައުވާކުރަމުން. މިއީ ހާލަތު. ވައްކަމުގެ ޖަގަހައެއްގެ ތެރޭގައި ވެރިކަން ކޮށްފައި އިންސާފޭ ބުނެވޭކަން ޖާގަ އެއް ނޯންނާނެ. އެކަމުން ސަލާމަތް ނުވެގެން މިއުޅެނީ.
ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ

އައު ސީޕްލޭން މައްސަލާގައި ސަރުކާރުން މިހާރު ނިންމާފައިވަނީ ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށެވެ. އަދި އެ ދެ އަހަރު ފަހުން މުޅި ޓާމިނަލް އެމްއޭސީއެލުން ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ މިނިންމުމާއެކު ޓީއެމްއޭއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ޓީއެމްއޭއިން ބުނެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރާ މަޝްވަރާކޮށްގެން، ކަސްޓަމަރުންނަށް މިހާރުވެސް ދެމުން އަންނަ "ފުރިހަމަ ހިދުމަތް" ކުރިއަށް ގެންދެވޭ ފަދަ ހައްލެއް ހޯދަން ކަމަށެވެ. އަދި އެމްއޭސީއެލްގެ މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް ސޮއިކުރައްވައި ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކަކީ އެމްއޭސީއެލްގެ އޭރުގެ އެމްޑީ އާދިލް މޫސާ އެޕްރޫވްކުރައްވައިގެން ފޮނުއްވި ސިޓީތަކެއް ކަން ފަޒީލްގެ ވާހަކައިން އެނގޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޫކުރާނެ ގޮތް ސަރުކާރުން ނިންމުމުން އެ ކުންފުނިން ބުނަމުން އައީ 19،000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށެވެ.

މިމައްސަލާގައި މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކުރިން ނިންމާފައި އޮތް ގޮތަށް އެތަން ދޫކޮށްފި ނަަމަ އެމްއޭސީއެލަށް އަހަރަކު ލިބޭނީ 5.5 މިލިޔަން ޑޮލަރުކަމަށެވެ. ނަމަވެސް މިހާރު ނިންމާފައިވާ ގޮތަށް ދިނުމުން އަހަރަކު 33 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލުން 55 މިލިޔަން ޑޮލަރު (848 މިލިޔަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

- ކޮމެންޓް