ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއަކަށް ވަޑައިނުގަންނަވާ ސަލާމުގައި ހުންނަވައިފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ޖަލްސާ ފައްޓަވަމުން އާންމުކޮށް މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންނާއި ސަލާމުގައި ތިއްބެވި މެމްބަރުން އަދި ރަސްމީ ދަތުރުފުޅުގައި ތިއްބަވާ މެމްބަރުންގެ އަދަދު އިއުލާންކުރައްވަ އެވެ. އެގޮތުގެމަތިން ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވިދާޅުވީ މިޖަލްސާއަށް ތިން މެމްބަރަކު ސަލާމުގައި ތިއްބެވި ކަމަށެވެ. އޭގެތެރެއިން އެއް މެމްބަރަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
އީވާ ވިދާޅުވީ ރައީސް ނަޝީދު ސަލާން ވިދާޅުވަމުން ސަލާން ވިދާޅުވާ ސަބަބު ޞަރީހަ ބަހުން ފޮނުއްވާފައިވާކަމަށެވެ. ސަބަބެއް ކަމަށް ބަޔާން ކުރައްވާފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިޔުޓްގެ ފަރާތުން ހޯމަ އަދި އަންގާރަ ދުވަހު ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ފޮނުއްވާފައިވާ ނޯޓުގައި ވިދާޅުވެފައިވާކަމަށް އީވާ ވިދާޅުވި އެވެ.
އަދި އަންގާރަ ދުވަހު އެފަރާތުން އިންތިޒާމުކޮށްގެން އާންމުންނަށްވެސް ހުޅުވާލެވިގެން ބާއްވާ ކޮރަލް ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އަދި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ. މިމަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކުގެ ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމާއި އަދި މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އަލަށް ގާއިމުކުރެވުނު މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިޔަށް އޮތް އަހަރުތަކަށް ރާވާ އެކުލަވާލެވި ކަމާބެހޭ ކަރުދާހުގެ ދެލި ކޮޕީއެއް ބައިވެރިންނަށް ފޯރުކޮށްދީ މަސައްކަތުގެ ބައްދަލުވުމުގައި މަޝްވަރާކުރުން.މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ
މީގެއިތުރުން އީވާ ވިދާޅުވީ މުރަކައިގެ ފަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް މި ފެސްޓިވަލް ތެރޭގައި އެއްތަން ކުރެވިދާނެކަމަށް ރައީސް ނަޝީދު ފޮނުއްވާފައިވާ މެސެޖްގައި ބަޔާންކޮށްފައި ވާކަމަށެވެ. މީގެއިތުރުން ރާޅާ އެޅުމަށް ދަސްކޮށްދިނުމާއި ސްނޯކްލިންގ ދަތުރުތަކާއި ލައިވް މިޔުޒިކާއި ކުރެހުމާއި ފަންނުވެރިކަމާއި އަދި ތިމާވެއްޓާއި ރާއްޖޭގެ މުރަކައާއި ފަރުގެ ދިރުންތަކާއި ގުޅޭ ތަފާތު އެކި މައްސަލަތަކުގެ މައްޗަށް ތަފާތު އެކި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިޔަށްދާނެ ކަމަށްވެސް ރައީސް ނަޝީދު ފޮނުއްވި ނޯޓުގައިވެ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މިއީ މަޖިލީހުގެ ރައީސް ސަލާމުގައި ހުންނެވި ފުރަތަމަ ފަހަރެވެ.