ޖަޕާނުން ރާއްޖެއަށް މިހާރުވެސް ދެމުންދާ އެހީތެރިކަން ކުރިޔަށް އޮތް ތަނުގައިވެސް އެގޮތަށް ދެމުންގެންދާނެ ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއީ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޔަނާއީ ވިދާޅުވީ ޖަޕާނާއި ރާއްޖެ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރު ކަމަށެވެ. އޭގެފަހުން ދެގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރަމުންދާކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ދެ ގައުމު ގުޅިގެން މިސަރަހައްދުގެ މައްސަލަތަކާއި ދުނިޔޭގެ މައްސަލަތަކަށް މަސައްކަތް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން ރާއްޖެއަކީ އިންޑޯ ޕެސިޕިކް ވިޝަން ކުރިޔަށް ގެންދިޔުމުގައިވެސް މުހިންމު ރޯލެއް އަދާކުރަމުންދާ ގައުމެއް ކަމަށް ޖަޕާނުގެ ސަފީރު ވިދާޅުވި އެވެ.
ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު މިދަނީ ތަރައްޤީގެ އައު ހަރުފަތަކަށް ކަމަށެވެ. 1996 ވަނަ އަހަރުން ފެށިގެން 15 ޕްރޮޖެކްޓެއްގެ މަސައްކަތް ޖަޕާނު ސަރުކާރުން ރާއްޖޭގައި ކޮށްފައިވާކަމަށް ސަފީރު ވިދާޅުވި އެވެ. ނަމަވެސް މިިދިޔަ އަހަރު ވާނީ ދޭ އެހީތެރިކަން އިތުރުކޮށްފައިކަމަށް ސަފީރު ވިދާޅުވި އެވެ.
އެގޮތުން މިދިޔަ އަހަރު އެކަނި 5 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރެވުނު. މިޕްރޮޖެކްޓުތަކުން ސްކޫލްތަކާއި ކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު. އަދި ކުނި ނައްތާލުމާއި ގުޅޭ ބައެއް ޕްރޮޖެކްޓްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވުނު. މީގެއިތުރުން ޖައިކާސް އިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރަން. އެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ސްކޮލަރޝިޕް ޕްރޮގްރާމްތައް ޖައިކާސް އިން އަންނަނީ ހިންގަމުންޖަޕާނު ސަފީރު ކީކޯ ޔަނާއީ
ޖަޕާނަށް ރާއްޖޭގެ އިގްތިޞާދަށާއި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އެކަމާ އުފާކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ޖަޕާނުން ރާއްޖެއަށް އެހީވެދޭއިރު އެންމެ ބޮޑަށް ބަލަނީ ސޯޝިއޯ އެކޮނޮމިކް ތަރައްޤީއަށް ކަމަށް ސަފީރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޖަޕާނުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މިހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޖަޕާނާއި ރާއްޖޭގެ ގުޅުން 53 އަހަރު ކުރިން ގާއިމުވެގެން ދިޔުމާއެކު އެކި ދާއިރާތަކުން ވަނީ ގުޅުން ބަދަހިވެފައި ކަމަށެވެ. ޖަޕާނުން ވަނީ ސޯޝިއޯ އެކޮނޮމިކް ގެ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެކަމަނާހެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ޖަޕާނުން އިންސާނުން ތަރައްޤީކުރުމަށާއި، ޓެލެކޮމިޔުނިކޭޝަން ، ޑިޒާސްޓަރ އަދި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަން ބޮޑު. އެގޮތުން ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވާ ސާމާނުގެ އެހީގައި މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއިން ސަލާމަތްވުމަށް މަގުފަހިވިކަން ފާހަގަކުރަން.ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
މާރިޔާ ވިދާޅުވީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތީ ޚަރުދަނާ ގުޅުމެއް ކަމަށެވެ.