ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައި ވަނިކޮށް، ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރީ ފުލުހުން މުއިއްޒުއަށް ޕަބްލިސިޓީ ދޭން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްުރޫޕްގެ ލީޑަރު އަލީ އާޒިމް ފުލުހުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ނޫމަޑި މައްސަލާގައި، ހޮނިހިރު ދުވަހުގެރޭ މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ކައުންސިލް އިންތިހާބާއި ދިމާކޮށް މުއިއްޒު ފުލުހުސް އޮފީހަށް ހާޒިރު ކުރުމުން ބައެއް މީހުުން ބުނަމުންދަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން މީހަކު ކުރި ޓުވީޓެއް އާޒިމް ވަނީ ރީޓުވީޓުކުރައްވާފައެވެ.
އެކަމާއި ގުޅޭ ގޮތުން އާޒިމް، ރާއްޖެ.އެމްވީ އަށް ވިދާޅުވީ، މި ދަނޑިވަޅަކީ މުއިއްޒު ފުލުހަށް ހާޒިރުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އޭނާ ވަނީ، މުއިއްޒުގެ އެތައް މައްސަލައެއް ހުށަހެޅިފައި އޮތްއިރު ކުއްލިއަކަށް މައްސަލަ ބެލުމުގެ ބޭނުމަކީ ކޮބައިކަން ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އާޒިމް ވިދާޅުވީ، ފުލުހުން އުޅެނީ ސަރުކާރަށް ޖެއްސުން ކުރަން ކަމަށެވެ.
އާޒިމް ވިދާޅުވީ، މިއޮތް ހުރިހާ ދުވަހު މުއިއްޒު ފުލުހަށް ހާޒިރުނުކޮށް މިހާރު އޭނާގެ މައްސަލަ ބަލަން ފަށައިގެން އުޅެނީ، އޭނާ އަށް ޕަބްލިސިޓީދޭން ކަމަށެވެ. އަދި އެއީ ސަރުކާރަށް ޖެއްސުން ކުރުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް އާޒިމް ސިފަކުރައްވާފައިވެއެވެ.
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. މި ފައިސާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުހަށް ފޮނުވާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުންނެވެ.