ބުރާސްފަތި ދުވަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއި ގުޅިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަނީކުރަމުންގެންދާނެކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނު ކަމުގައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބުރާސްފަތި ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ. އެގޮތުން ޤާނޫނުގައިވާ އެންމެހައި ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް މައްސަލަތައް ނިންމައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމެރިކާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ އެންޓި - ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ބާއްވައިފައިވާއިރު، 2019 އިން 2014 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައިވާ ހައި ވޮލިއުމް ކްރައިމްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ކިޔަވައިދެއްވީ ކަމުގެ ތަޖުރިބާހުރި އެމެރިކާގެ ފަސް އިންސްޓްރަކްޓަރުންނެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 16ން 20 އަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި، ޖިންސީ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލުކުރާނެ ގޮތާއި، ކުށުގެ ވެށި ރައްކާތެރިކުރުމާއި، ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާ އަކީ ކޮބައިކަމާއި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ކާމިޔާބު ކުރުމަށް ބޭނުންވާ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭގޮތަށް ޖުމްލަ 38 ބައިވެރިން ޓްރެއިނިންގައި ވަނީ ބައިވެރިވެފައެވެ.