ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 02:40
ބުލީގެ ޝިކާރައަކަށް ވި ތުއްތު ކުއްޖާ
ބުލީގެ ޝިކާރައަކަށް ވި ތުއްތު ކުއްޖާ
ސޯޝަލް މީޑިއާ
ބުލީގެ ޝިކާރައަކަށް ވި ކުއްޖެއް
ބުލީގެ ޝިކާރައަކަށްވި މި ކުއްޖާ ގިސްލަމުން މަންމަ ކައިރީގައި ބުނީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް!
ކުއަޑެންއަށް ބުލީ ކުރީ އޭނާގެ ސްކޫލް ކުދިން

ބުލީ ކުރުން ނުވަތަ ގަނާކުރުމަކީ ރާއްޖޭގެ އިތުުރުން މުޅި ދުނިޔެއަށް ބަލާލިކަމުގައިވީނަމަވެސް ވަރަށް ބޮޑު މައްސަލައެކެވެ. ގަނާ ކުރުމުގެ ސަބަބުން އެކަމުގެ ޝިކާރައަކަށް ވާ ކުދިންނާއި ބޮޑެތި މީހުންނަށްވެސް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރެއެވެ. އަދި އެފަދަ ކަމެއް ތަހައްމަލު ކުރާ މީހުން ދުނިޔެ މަތިން އެއްކޮށް ފޫހިވެ ދުނިޔޭގައި ދިރިއުޅުމަށް ބޭނުމެއް ނުވާ ފަހަރު ގިނައެވެ.

ގަނާކުރާ މީހުން ގިނަ ފަހަރަށް އެކަން ކުރަނީ ސަމާސާއަކަށް ހަދައިގެންނެވެ. އަނގަބަހުން ގަނާކުރާ މީހުން އެހެން މީހުންނަށް ފާޑުފާޑުގެ ނަން ކިޔުމާއި ފަސޭހައިން އެމީހުންނަށް މަލާމާތް ކުރުމާއި، މީހަކާ މެދު ބޭނުންކުރަން ނުޖެހޭ ފަދަ ހުތުރު ބަސް ބޭނުން ކުރުމާއި, އިންޒާރު ދިނުން ފަދަ އާދަތައް ފެންނާނެއެވެ.

ގަނާކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު, މިކަމާއި އެންމެ ގިނައިން ކުރިމަތިލާން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެގޮތުން އެ ކުދިން އެހެން ކުދިންނާއި ތަފާތުވުމުން މުޖުތަމަޢުން ވެސް އެ ކުދިންނާ ދޭތެރޭގައި ދެކޭ ނަޒަރިއްޔާތު ތަފާތެވެ. އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގައި ދިރިއުޅެން، އެ ކުދިންނަށް ވެފައިވަނީ ހަނގުރާމައަކަށެވެ.

ހަނގުރާމައިގެ މައިދާނެއްގައި އުޅުމާއި އެއް ފަދައެވެ. އަބަދުވެސް ޖެހެނީ ކޮންމެވެސް ކަމަކާ ކުރިމަތިލާށެވެ. އެގޮތުން، އެ ކުދިންނަށް ދިމާވާ މަލާމާތުގެ ބަސްތަކާއި ދެރަކޮށްލާ ދެރަކޮށްލުން ފާހަގަކުރެއެވެ. ގިނަ ފަހަރަށް ގަނާކުރާ މީހުން، އެ ކުދިން ނިކަމެތިކޮށްލާ އުސޫލުން ބަސްތައް ލިޔެގެންނާއި، އަނގަބަހުން ދިމާކުރުމަކީ ވެސް އާންމުކަމެކެވެ.

ބުލީގެ ޝިކާރައަށްވާ ކުދިން އެތައް ޒަމާނެއް ވަންދެން އެކަމުގެ ނަފުސާނީ ބަލިމަޑުކަން ތަހައްމަލު ކުރަން ޖެހެއެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލި، ދުނިޔެމަތިން މުޅިން ފޫހިކޮށްލައެވެ. "ޑިޕްރެޝަން" އާއި "އެންޒައިޓީ" ފަދަ ނަފުސާނީ ބަލިތަކަށް މީހާ ހުށައެޅިގެންދަނީ ވެސް މަދަކުން ނޫނެވެ.

ދުނިޔޭގެ އެކި ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ގަނާކުރުމުގެ ޝިކާރައަކަށް ވަނީ ސްކޫލް ދަރިވަރުންނެވެ. އަދި އެފަދަ ކުދިން ސްކޫލަށް ނުދާން ތަފާތު ބަހަނާތައް ދައްކައެވެ. މިއީ، ޕްރީ ސުކޫލުން ފެށިގެން މަތީ ސާނަވީ ގްރޭޑްތަކާ ހަމައަށް ސުކޫލުގައި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ.

މިފަހަރު ވެސް ދައްކަން މިއުޅެނީ ގަނާކުރުމުގެ ޝިކާރައަކަށްވެފައިވާ އޮސްޓްރޭލިއާގެ، އުމުރުން އެންމެ 9 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ ކުއަޑެންގެ ވާހަކައެވެ. މި ކުއްޖާއަކީ "އެކޮންޑްރޮޕްލެސިއާ" ބަލި ޖެހިފައިވާ ކުއްޖެކެވެ. މިއީ ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑު އުފެދުމުގައި ހުންނަނީ އޭނާގެ އުމުރަށް ވުރެ ކުޑަކޮށްނެވެ. އުފެދުމުގައި ހަށިގަނޑުގައި ތަފާތުކަމެއް ހުއްޓަސް ކުއަޑެންއަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ހުރިހާ ކަމެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުއްޖެކެވެ.

އުމުރުން އެންމެ 9 އަހަރުގައި ކުއަޑެންވެސް ވަނީ ގަނާކުރުމުގެ ޝިކާރަކަށްވެފައެވެ. މިކަމާ މާޔޫސްވެ، އޭނާ ވަނީ ދުނިޔެމަތިން އެއްކޮށް ފޫހިވެފައެވެ. މިކަން ކަށަވަރުވެގެންދަނީ ކުއަޑެންގެ މަންމަ ޔަރައްކާ ބެއިލްސް ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އިންނެވެ. މި ވީޑިއޯ އޭނާ ނަގާފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ބަލާ ދިޔުމަށް ފަހު ފިހާރައަށް ދިޔުމާއި ދޭތެރޭގައެވެ. ވީޑިއޯ ފެށިގެން އަންނައިރުވެސް އެ ތުއްތު ކުއަޑެން އިނީ ރޯންށެވެ. އަދި ތަކުރާރުކޮށް ބުނަމުން ގެންދަނީ "އަމިއްލައަށް މަރުވާން" ބޭނުންވާ ކަމަށެވެ.

ކުއަޑެންގެ މަންމަ ވީޑިއޯ ޝޫޓްކުރަމުން ދިޔައިރު ބުނަމުން ގެންދިޔައީ ގަނާކުރުމުގެ ސަބަބުން އޭނާގެ ދަރިފުޅު ތަޙައްމަލު ކުރަމުންދާ ކަންތައްތަކަކީ މިއީ ކަމަށެވެ. ވީޑިއޯ އިން ކުއަޑެން ބަހެއްގެ ތެރޭގައި ގިސްލަ ގިސްލާފައި ރޯން އިންނަ މަންޒަރު ފެނެއެވެ. ވީޑިއޯ ފެށިގެން 3 މިނެޓް ނުވަނީސް ކުއަޑެން އޭނާގެ މަންމަ ކައިރީ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް އެދެއެވެ. އަދި އޭނާ ބޭނުންވަނީ އަމިއްލައަށް މަރުވާންކަމަށް ބުނެއެވެ.

އެފަދަ ދަނޑިވަޅެއްގައި އެ ކުއްޖާގެ މަންމަގެ ހިތައް ކުރާނެ އިހުސާސް ބުނެދޭން ވެސް ނޭނގެއެވެ. "އަމިއްލަ ދަރިއަކު މަރުވާން ބޭނުމޭ ދުނިޔޭގައި ދިރިއުޅެން ބޭނުންނުވެޔޭ"ބުނާތަން ބަލަން ހުންނަން އެއީ އެއްވެސް މަންމައަކަށް ކެތްވާނެ ކަމެއް ނޫނެވެ. އަދި ދެކެން ބޭނުންވާނެ މަންޒަރެއް ވެސް ނޫނެވެ.

ކުއަޑެން ރޮމުން ގެންދިޔައީ ސްކޫލުގެ ބައެއް ކުދިން އޭނާއަށް ގަނާކުރާތީ އެކަމާއި ދެރަވެގެންނެވެ. އަދި އޭނާ ހުންނަ ސިފައަކަށް މަލާމާތްކޮށް އޭނާއަށް އެކި ކަހަލަ ނަންތަކުން ގޮވާ ހެދިކަމަށް ވެސް ކުއަޑެން ވީޑިއޯގައި ބުނެއެވެ.

ކުއަޑެންގެ މަންމަ ވިޑީއޯ ނަގަމުންދިޔައިރު ބުނީ މިއީ ސްކޫލަށް ގޮސް މަޖާކޮށް ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ދަރިފުޅަށް ގަނާ ކުރުމުގެ ސަބަބުން ތަހައްމަލު ކުރަންޖެހިފައިވާ ހިތްދަތި ދިރިއުޅުން ކަމަށެވެ. މި ވީޑިއޯ އިން ވެސް ފާހަގަވާ އެއްކަމަކީ ޔަރައްކާގެ ދަރިފުޅަށް މި ދިމާވާ ކަންތައްތައް ޙައްލު ކުރުމަށްޓަަކައި ގޮތް ހުސްވެފައިވާކަމެވެ.

މިފަދަ އެތައް ޙާދިސާތަކެއް ކޮންމެ ދުވަހަކު ވެސް ކުރިމަތިވާ ކަމަށް ޔަރައްކާ ބުނެއެވެ. އަދި ވަކި ހިސާބަކުން ދަރިފުޅު ރޯ މަންޒަރު ބަލަން ކެތްނުވެގެން ޔަރައްކާއަށް ވެސް ރޮވެއެވެ. އަދި ގަނާކުރުމުގެ ހޭލުންތެރިކަން އިތުރު ކުުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން އެހެންމީހުންގެ ޚިޔާލު ބޭނުންކަމަށް ވީޑިއޯގައި ބުނެއެވެ.

އެއްވެސް މީހަކަށް ނުވަތަ އާއިލާއަށް އެބައޮތްތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް ކުރެވޭނެ ކަމަކީ ކޮބައިކަން ބުނެދެވެން؟ އަދި ސްކޫލުތަކުގައި ވެސް މިކަމަށް ހޭލުންތެރިކަން އިތުރު ކުރުވެން؟ އޭރު މިހެން (މަގޭ ދަރިފުޅަށް) މިިކަންތައް ނުވީހެއްނުން؟ އަހަންނަށް އެބަހުރި ދެވޭނެ ޚިޔާލުތައް ނަމަވެސް އިތުރަށް ރަނގަޅު ޚިޔާލުތައް ބޭނުން އެއީ ގަނާކުރުމުން އެ ކުއްޖަކަށް ކުރާ އަސަރަކި މިއީ. އަހަރެން ބޭނުން މީހުންނަށް އިނގެން ގަނާ ކުރުމުގެ ސަބަބުން އަަހަރެންގެ އާއިލާ ތަހައްމަލު ކުރަން މިޖެހޭ ހިތްދަތި ހާލަތު. އަހަރެން ބޭނުން މިކަންތައްތަކަަށް އެހެން ކުދިންގެ މައިންބަފައިން އެ ކުދިން ހޭލުންތެރިކުރުވަން. އަހަރެންގެ ދަރިފުޅަކީ މިކަމަށް ކެތް ނުވެގެން ކޮންމެ ދުވަހަކު ވެސް އަމިއްލައަށް މަރުވާން ބޭނުންވާ ކުއްޖެއް.
ޔަރައްކާ ދެރަވެފައި ބުނެއެވެ.

ވީޑިއޯގައި ޔަރައްކާ އިތުރަށް ބުނެފައިވަނީ މިއީ އޭނާ އަމިއްލައަށް ބޭނުންވެގެން ޝޫޓް ކުރި ވީޑިއޯއެއް ނޫން ކަމަށެވެ. "ދިިރިއުޅުމުގެ ހިތްދަތި" މަންޒަރު އެހެން މީހުންނަށް ދައްކަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ކުއަޑެންއަށް ގަނާކުރާ ފުރަތަމަ ފަހަރު ނޫން ކަމަށާއި، ތަކުރާރުކޮށް އޭނާގެ ދަރިފުޅު ގަނާގެ ޝިކާރައަކަށް ވަމުންދާތީ، ހިތްވަރުކޮށްގެން މިކަމާއި ކުރިމަތިލުމަށް މަސައްކަތްކުރި ކަމަށެވެ. ދެން ގައިގައި މިކަމާއި ކުރިމަތިލާނެ އިތުރު "ހިތްވަރު ނެތް" ކަމަށް އޭނާ ބުންޏެވެ.

ގަނާކުރުމުގެ މިކަންތައްތައް ދިމާވާ ކޮންމެ ފަހަރަކު އަހަންނަށް އަމިއްލަ ނަފްސާ ސުވާލު ކުރެވޭ. ހިތަށް އަރާ އަހަރެން މިވަނީ މަޔެއްގެ ހަސިއްޔަތުން ފެއިލްވެފައޭ ބާ؟
ޔަރައްކާ ބުނެއެވެ.
ޔަރައްކާ އޭނާގެ ދަރިފުޅާއެކު

މި ހަ މިނެޓުގެ ވީޑިއޯ އިން ވެސް ފެނިގެން މި ދަނީ ގަނާ ކުރުމުގެ ސަބަބުން އެކަމުގެ ޝިކާރައަކަށްވާ ކުދިންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރެވެ. ގަނާ ކުރުމަކީ ހަަމައެކަނި ގަނާ ކުރި ކުއްޖާއަށް ވިސްނައިދީ، އެކަން ކުރުން ހުއްޓުވުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. ގަނާގެ ޝިކާރައަށްވާ ކުދިން އެތައް ޒަމާނެއް ވަންދެން އެކަމުގެ ނަފުސާނީ ބަލިމަޑުކަމުގައި ދެމިތިބެން ޖެހެއެވެ. އެހެންކަމުން ގަނާ ކުރުމުގެ ނުރައްކާތެރިކަމާއި، އެކަމުން އެހެން ކުދިންނަށް ލިބޭނެ ހިތްދަތިކަމުގެ ވާހަކަ ދަރިން ގާތު ބުނެ، އެ ކުދިން މިފަދަ ކަންތައްތަކަށް ހޭލުންތެރިކުރުވުމަކީ މައިންބަފައިންނާއި މުޖުތަމަޢުގެ އެންމެންގެ ޒިންމާއެކެވެ.

ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، އަމިއްލަ މުޖުތަމަޢުގައި ދިރިއުޅޭ، ގަނާގެ ޝިކާއަރަކަށް ވެފައިވާ ކުދިން އެކަމުން ސަލާމަތްކޮށް، އެކުދިންގެ ދިިރިއުޅުން އުޖާލާ ކުރުމަށް އެހީތެރިވަމާތޯ އެވެ.

- ކޮމެންޓް