ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަރައްގީއާ މެދު ސުވާލު އުފައްދަވާ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ފާޑުވިދާޅުވުމުން، މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ރައްދުދެއްވައިފިއެވެ.
ރައީސް ސޯލިހު ސަރުކާރުގެ އެއްވެސް ކަމެއް ނުވާ ކަމަށް ތުހުމަތުކުރައްވާ މުސްތަފާ ވިދާޅުވީ ތ.ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މިހާރުގެ މެމްބަރު ރިޔާޒަށް އިޝާރާތްކުރައްވާ މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޝޯވ ކުޅުމަކީ ރައްޔިތުންގެ ހައްގުތައް ހޯދާ ދިނުން ނޫން ކަމަށެވެ.
މުސްތަފާ ވިދާޅުވީ ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ މިސަރުކާރުން ނާޅާނެ ކަމަށެވެ. އަދި މިހާރުގެ މެމްބަރުގެ އެހިތްވަރުނެތް ކަމަށް މުސްތަފާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މުސްތަފާގެ މިތުހުމަތުތަކަށް ރައްދުދެއްވާ މެމްބަރު ރިޔާޒު ވިދާޅުވީ ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ފުރިހަމަ ކޮށްދޭނެ ކަމަށާއި، ދާއިރާގެ ރައްޔިތުން ނިންމާފައިވަނީ 19 ވަނަ މަޖިލިސް ޝޯވ ބާއްވަން ކަމަށެވެ.
މުސްތަފާގެ އަމިއްލަ ވިޔަފާރިއަށް ދިމާވެފައިވާ ދަތިތައް އަވަހަށް ހައްލުވުމަށް ރިޔާޒު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މެމްބަރު ރިޔާޒު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ އެއްވެސް ރައްޔިތެއް ބާކީ ނުކުރާނެ ކަމަށެވެ. ދައުރު ނިމުމުގެ ކުރިން ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކޮށްދޭނެ ކަމަށް މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
ރައީސްގެ އެންމެ ބޮޑު ވިސްނުންފުޅަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ކޮށްދެއްވުންކަން ވެސް މެމްބަރު ރިޔާޒު ފާހަގަކުރެއްވިއެވެ.